ޚަބަރު

ކޮވިޑް-19: އިތުރު ދެ މީހަކު ބަލިން ރަނގަޅު ވެއްޖެ

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ދެ މީހަކު އެ ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ފައްސިވި 13 މީހުންގެ ތެރެއިން އިތުރު ދެ މީހުން ބަލިން މުޅިން ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއެކު މި ބަލިން ޖުމްލަ ފަސް މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑަށް ފަރުވާ ދޭ މީހުންގެ އަދަދަކީ އަށެކެވެ.

އިސްމާއިލް ވިދާޅުވީ ފަސް މީހަކު ރަނގަޅު ވުމަކީ އުފާވެރި ޚަބަރެއް ނަމަވެސް މިވަގުތަކީ އަދި މީގެ ނުރައްކާ ކުޑަ ވަގުތެއް ނޫންކަމަށެވެ. މިދަނޑިވަޅުގައިވެސް ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތައް އަޑުއަހާ ގޭގައި މަޑުކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!