ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާއަކީ ބައިވެރިއެއް ނޫންކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފި

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާއަކީ ސީދާ ގުޅުންހުރި ފަރާތެއް ނޫންކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. މިކަން ޗައިނާއިން ފާހަގަކޮށްފައިވަނީ އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންޓަނީ ބްލިންކެން އިންޑޯ-ޕެސިފިކް ސަރަޙައްދަށް ކުރަމުންދާ ދަތުރުފުޅެއްގައި ދެކުނު ޗައިނާ ކަނޑާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެމުންނެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ވިދާޅުވީ، އެމެރިކާއަކީ ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ސީދާ ގުޅުން ހުރި ފަރާތެއް ނޫންކަމަށާއި، އެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކުރުވައި، އެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަމަށް ބުރޫ އަރުވާ ކަންކަން ކުރުމުގެ ބަދަލުގައި އެމެރިކާއިން ކުރަންވީ ކަމަކީ ސަރަޙައްދީ އިސްތިޤްރާރަށް އެހީތެރިވެދިނުން ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ބްލިންކެން ވިދާޅުވެފައިވަނީ، ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ކުރަމުންދާ ޤާނޫނާ ޚިލާފު ޢަމަލުތަކާ ދެކޮޅަށް އެމެރިކާއިން ވަކާލާތު ކުރަމުންދާނެ ކަމަށެވެ. އަދި އެ ސަރަޙައްދުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ޙައްޤު ހިމާޔަތްކުރުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދެކުނު ޗައިނާ ކަނޑުގެ ގިނަ ސަރަޙައްދުތަކަކަށް ޗައިނާއިން ދަޢުވާކުރާއިރު، އެ ސަރަޙައްދުގެ އެހެން ޤައުމުތަކުންވެސް ވަނީ އެކި ސަރަޙައްދުތަކަށް ދަޢުވާކޮށްފައެވެ. މިކަމާ ގުޅިގެން އެ ސަރަޙައްދުގައި ޗައިނާއާއި އެހެން ޤައުމުތަކާ ދެމެދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ޚިލާފު އުފެދިފައެވެ.