ބިދޭސީއަކު ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ނިންމަނީ ފުރިހަމަ ތަހުގީގަކުން: ޝައްމާން
ބިދޭސީއަކު ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ކަނޑައަޅައި ޑިޕޯޓް ކުރުން ފަދަ ފިޔަވަޅެއް އަޅަނީ ވަރަށް ބޮޑަށް ވެސް ތަހުގީގު ކުރުމަށް ފަހު ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޝައްމާން ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތައް ގުޅިގެން މާލެ ސަރަހައްދުގައި ހިނގާ ކުށުގެ ނެޓްވޯކުތައް ހިފެހެއްޓުމަށް ފެށި މަސައްކަތުގައި އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހޯދައި ދެން ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމުގެ މަސައްކަތް ހިންގަމުންނެވެ.
"ސަންގުޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޝައްމާން ވިދާޅުވީ މާރުކޭޓު ގޮޅި ހިމެނޭހެން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަން ފާހަގަވެގެން ބިދޭސީއަކު އަތުލައިގަންނަ ފަހުން ގިނަ އަދަދެއްގެ ދިވެހިންގެ ސިޓީ ވެސް އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ.
"ވަރަށް ގިނަ ދިވެހިންގެ ސިޓީ ލިބޭ، އެއީ އަހަރެން ވިޔަފާރިކުރާ ގޮޅިއެކޭ، އެ ތަނުގައި މަސައްކަތަކު ބަހައްޓާފައި ހުރި ބިދޭސީއެކޭ ތިޔަ ގެންދިޔައީ، އަހަރެން ވަގުތުކޮޅަކަށް އެ ތަނަށް ދުރަށް ޖެހުނު ވަގުތުގައި، މި ކަހަލަ ޒާތުގެ ސިޓީތަކެއް ލިބޭ،" ޝައްމާން ވިދާޅުވި އެވެ.
އޭނާ ދެން ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށަށް އިމިގްރޭޝަން ބަދަލުވި ފަހުން އެ މަސައްކަތް ހިންގަމުން ގެންދަނީ ފުލުހުންނާއި އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯހެއް މެދުވެރިކޮށެވެ. އެހެންވެ ބިދޭސީއަކު ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ކަނޑައަޅަނީ ވަރަށް ފުރިހަމައަށް ބެލުމަށް ފަހު ކަމަށެވެ.
"ބިދޭސީއަކާ މެދު އަޅުގަނޑުމެން އެކްޝަން ނަގަނީ ހަމައެކަނި މިހެން އަންނަ ޝަކުވާއެއްގައި މީހަކު ބުނާ ބުނުމުގެ މައްޗަކަށް ނޫން، އަޅުގަނޑުމެން ކަށަވަރު ކުރާނަން، އެއަށް ވަގުތުކޮޅެއް ވެސް ނަގަނީ މައުލޫމާތު ސައްހަ ކަން ކަށަވަރުކުރަން،" ޝައްމާން ވިދާޅުވި އެވެ.
"ގޮޅީގަ ވިޔަސް، އެހެން ތަނަކު ވިޔަކު ވިޔަސް، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީއެއް ކަމަށް ކަނޑައަޅަނީ ވެސް ވަރަށް ބޮޑަށް ބެލުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދަނީ ކޮންމެވެސް ވަރަކަށް ދިވެހިންނާ ގުޅިގެން ކަން ފާހަގަވާ ކަމަށެވެ. އިމިގްރޭޝަނުން ފިޔަވަޅުތައް ހަރުކަށި ކުރި ފަހުން ކޮންމެ ވެސް ވަރަކަށް ގެންގުޅޭ އުކުޅުތައް ވެސް ބަދަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ދެން ކޮންމެ ވެސް ވަރަކަށް ޓްރެންޑް ވެސް އެބަ ބަދަލުވޭ، ގޮޅީގަ ވެސް ފްރޮންޓްގައި ވެސް އެބަ ބައިންދާ ދިވެއްސަކު މިހާރު، އެހެންވިޔަކަސް އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން ބަލާފައި އެ ގޮތަށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަމުން ދާނަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން 200 އަށް ވުރެ ގިނަ ތަންތަން ބަލައިފާސްކޮށް 2000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވެ އެވެ. ބަލައިފާސްކުރި ތަންތަނުގެ ތެރޭގައި ކެފޭ، ރެސްޓޯރަންޓާއި ޓޭކްއަވޭ ތަންތަނާއި ފިހާރަތަކާއި ސްޕާތަކުގެ އިތުރަށް ދޮރު ބަންދުކޮށްގެން ފޮރުވިގެން ތިބެ އެކިއެކި ވިޔަފާރި ހިންގާ ތަންތަން ވެސް ހިމެނެ އެވެ.