ހަގީގީ ހާދިސާ: ވެމްކޯގެ ދިވެހި އަންހެން ކުއްޖެއްގެ ސަބަބުން ބަދަލުވި ދިރިއުޅުން!
ﷲ އިރާދަ ކުރެއްވި އަޅަކަށް އެއިލާހުގެ ތެދުމަގު ދައްކަވައެވެ. އަދި ﷲ ޘާބިތުކަން ދެއްވި އަޅަކު އެމަގުގައި ޘާބިތުވެ ހުރެއެވެ.
މި ވާހަކައަކީ ގޯސް މަގެއް އިޚްތިޔާރު ކުރަން އުޅުނު ދިވެއްސަކަށް ﷲ ތެދުމަގު ދެއްކެވި ގޮތުގެ ހަގީގީ ހާދިސާއެކެވެ. މި ލިޔުމުގައި މިހިމަނާލަނީ ހާދިޘާ ދިމާވި ފަރާތުން މިވާހަކަ ''ދެން''އާއި ހިއްސާކުރި ގޮތުގެ އަސްލަށް އުނިކަން ނާންނަ ގޮތަށް ، ނަމާއި އެހެނިހެން ތަފްސީލް ސިއްރުކޮށްގެންނެވެ. އޭނާ މިވާހަކަ ކިޔައިދިން މަގުޞަދެއްކަމުގައި ބުނީ މިކަމުން އެހެން މީހުން ވެސް ފިލާވަޅު ހޯދާ ، ރަނގަޅު މަގު އިޚްތިޔާރު ކުރުމަށް ނަސޭހަތްތެރިވުމެވެ.
އަހަންނަކީ ވަރަށް ޅައިރުންސުރެ މާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ. އާއިލާއާއެކު މާލޭގެ ދަތި ދިރިއުޅުމުގައި އާދައިގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ދީނީ އަޅުކަންތަކަށް ސަމާލުކަމެއް ނުދެވެއެވެ. ނަމާދުތަކަށް ސަމާލުކަމެއް ނުދެވެއެވެ. ހުކުރު ނަމާދާއި އެހެން ވެސް މަދު ފަހަރަކު ނަމާދުކޮށް ، ރޯދަ މަހެއް ނަމަ ރޯދަ ހިފާލައިގެން އުޅޭއިރު މިއީ އުޅެގެން ވާނެ ގޮތް ނޫންކަމަށް ކުޑަކޮށް ވެސް ވިސްނައެއް ނުލެވެއެވެ.
ދުވަސްތައް މިގޮތަށް މާޒީވަމުން ގޮސް ، މާލޭގައި އާންމު އުސޫލުން އޮންނަ ގެ ބަދަލު ކުރުމުގެ ކަންތައް މިއަހަރު ފެށުނުއިރު ކުރަން ޖެހިއްޖެއެވެ. އާއިލާގައި ތިބޭ ދަރިވަރުންގެ ސުކޫލު ބަދަލުވުމާވެސް އެކުގައެވެ.
އެއްރެއެއްގެ ފަތިހުގެ ވަގުތެވެ. ރައްޓެހިންނާއެކު މަޖާކުރަން އުޅެފައި އަހަރެން ގެއަށް ވަންނަށް ދިޔައީ ދަންވަރު 3:30 ހާއިރުއެވެ. ގެއަށް ވަންނަށް ދިޔައިރު އަހަރެންގެ ލޯ ހުއްޓުނީ ގޭގެ ކުރިމަތީގައި މަގު ސާފުކުރަން ހުރި އަންހެން ކުއްޖަކަށެވެ. ބޭއިޚްތިޔާރުގައި ކުޑަކޮށް ހުއްޓުން އަރާފައި އިރުކޮޅަކު ހުރެވުނުހެން ވެސް ހީވިއެވެ. ގެއަށް އެރުމަށްފަހު ވެސް އަހަރެންގެ ސިކުނޑިން އެކުއްޖާގެ ތަސްވީރު ފޮހެލެވޭނެ ގޮތެއް ނުވިއެވެ. ނިދޭނެ ގޮތެއް ނުވިއެވެ. ބޭނުންވީ އަނެއްކާވެސް ގޮސް އެކުއްޖާ ދެކިލުމަށެވެ. އެއާއެކު ތިރިއަށް ފޭބީމެވެ. އޭރު ފަތިސް ނަމާދަށް ބަންގި ގޮވާ ، މީސްމީހުން މިސްކިތާއި ދިމާއަށް ދާތަން ފެނެއެވެ. ގެ ހުންނަނީ މިސްކިތް ފެންނަ ހިސާބުގައެވެ. މީހުން މިސްކިތަށް ދާތީ އާއި ޖަމާއަތުގެ ވަގުތުގައި އެތަނުގައި ހުރެފިނަމަ އަހަންނަކީ ވިޔާނުދާ މީހެއްކަމަށް އެއަންހެން ކުއްޖާ ދެކެފާނެތީ މަގުމަތީގައި ހުންނާކަށް ނުކެރުނެވެ. ނަމާދުކޮށްލާނަމޭ ހިތާ މިސްކިތާއި ދިމާއަށް ހިނގައިގަތީމެވެ.
މިސްކިތަށް ގޮސް ވުޟޫކޮށް ނިމުނުއިރު ވެސް ނަމާދު ނުފަށައެވެ. ގަޑިއަށް އިރުއިރުކޮޅަކުން ބަލާލެވެއެވެ. ނަމާދުކޮށް ނިމިގެން ދާއިރު އެކުއްޖާ ހުންނާނެބާއޭ ހިތަށް އަރައެވެ.
ދެވަނަ ސަލާމްދީ ނިމުނު ކަމެއް ނޭގެއެވެ. އަހަރެން ހުރީ މިސްކިތުން ފައިބައެވެ. އަވަސް އަވަހަށް ގެއަށް ދިޔައިރު ސާފުކުރާ ޓީމު އެކަން ނިންމާފައި ހިނގައްޖެއެވެ. މާޔޫސް ވިޔަސް އަޒުމް ކަނޑައެޅީ މާދަމާރޭ ވެސް އެގަޑީގައި ނިކުތުމަށެވެ.
ޖެހިގެން އައިރޭ ވެސް ކަން ހިނގާދިޔައީ މިފަދަ ގޮތަކަށެވެ. ގެއަށް ދިޔައިރު އެކުއްޖާ ހުއްޓެވެ. ވާހަކަ ދައްކާލާނަމޭ ހިތަށް އެރި ނަމަވެސް ކައިރީގައި މީހުން ތިބުމާއެކު ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އަދި ފަތިސް ނަމާދު ކޮށް ނިމޭއިރު ސާފުކުރާ ކުދިން ނުތިބޭނެކަން އެނގޭތީ އަވަހަށް ސަލާމްދީ ނިމޭތަނުން މިސްކިތުން ފައިބާކަށް ބޭނުމެއް ނުވިއެވެ.
މިފަދަ ގޮތަކަށް ދުވަސްތައް ވޭތުކުރަމުން ދިޔައިރު އަހަންނަށް ބަދަލެއް އަންނަކަން އަމިއްލައަށް އިހްސާސް ކުރެވުނެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކުރާތާ ހަފްތާއެއްހައި ދުވަސްވީިއިރު އަހަންނަކީ ފަސްވަގުތު ނޫނަސް އެހެން ނަމާދުތަކަށް ވެސް ދާ މީހަކަށް ވެއްޖެއެވެ. އަދި މަޑުމަޑުން ނަމާދަށް ހިތްޖެހި ނަމާދު ކުރާ ހިތްވާ މީހަކަށް ވެއްޖެއެވެ.
މިބަދަލާއެކު އެއްރޭ ނިދަން އޮވެފައި އަހަރެންގެ ދިރިއުޅުމާއި ކަން ހިނގަމުން ދާ ގޮތާއި މެދު ވިސްނާލެވިއްޖެއެވެ. ޚިޔާލެއް ފިކުރެެއް ނެތި ދިރިއުޅެމުން މިއައި އިންސާނާ އަށް މިއައި ކުއްލި ބަދަލަކީ ކޮބައިތޯ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ. އަދި ނަމާދަށް ސަމާލުވުމަށް ނިޔަތް ގަތީމެވެ.
މިގޮތުގައި ދެތިން ދުވަސް ހޭދަވީ ތަނާއި ކުރިން ކުރި މަސައްކަތެއްގެ ފޮނި ނަތީޖާ ލިބުނެވެ. ރީތިވި ކުއްޖާގެ ފޯން ނަމްބަރު ލިބިއްޖެއެވެ. ނަމަވެސް އަމިއްލަ ނަފްސާއި ދެކޮޅަށް މަސައްކަތްކޮށް އޭނާއާއި ނުގުޅަން ނިންމާ ފޯން ނަމްބަރު ހިމެނޭ މެސެޖުވެސް ޑިލީޓްކޮށްލީމެވެ.
އަހަރެންގެ ހަޔާތަށް ބަދަލު ގެނުވީ އެ އަންހެން ކުއްޖާއެވެ. އޭނާއަށް އެކަން ނޭނގުނު ނަމަވެސްމެއެވެ. އަހަރެންގެ ހަޔާތް މިހާރު އުފާވެރިއެވެ. ދިރިއުޅުމުގައި މަގުސަދެއް އެބައޮތްކަން އިހްސާސްވެއެވެ. ސޯޝަލް މީޑިއާއިން އަހަރެން އަޑުއެހި ދަރުސެއްގައި ޝައިޚަކު ބުނި އަޑު އެހީމެވެ. ﷲ އިޚްތިޔާރު ކުރެއްވި އަޅަކަށް ތެދު މަގު ދައްކަވައެވެ. އަދި އެމަގުގައި ޘާބިތުކަން ދެއްވައިފިނަމަ އެއަޅާ ޘާބިތުވެހުރެއެވެ.
އަހަރެންގެ އެދުމަކީ އަހަންނަށް މިގޮތުގައި ﷲ ޘާބިތުކަން ދެއްވުމެވެ. އަދި މިވާހަކައަކީ އެހެން މީހުންނަށް ޚާއްޞަކޮށް ޒުވާނުންނަށް އިބްރަތެއް ލިބޭނެ ވާހަކައަކަށް ވުމެވެ.