ވިޔަފާރި

އެސްޓީއޯ އިން މާލޭގައި 25 ބުރީގެ އިމާރާތެއް އަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެސްޓީއޯގެ ހެޑް އޮފީސް/ ފޮޓޯ: ދެން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯން މާލޭގައި 25 ފަންގިފިލާގެ މަލްޓިޕާޕަސް އިމާރާތެއް އަޅަން ނިންމައިފިއެވެ.

Ads by Sosun Fihaara

އެސްޓީއޯން ވަނީ އެއިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މިއިމާރާތް ތަރައްގީ ކުރަނީ މަޝްރޫއުގެ 15 ޕަސެންޓު އިކުއިޓީ އެސްޓީއޯން ދޭ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުންނެވެ. ކޮންޓްރެކްޓަރާ މި މަސައްކަތް ހަވާލުކުރަނީ އިންޖިނިއަރިން، ޕްރޮކިއުމަންޓު އަދި ކޮންސްޓްރަކްޝަން (އީޕީސީ) މޮޑެލްގެ ދަށުންނެވެ.

އެސްޓީއޯން ބުނީ 25 ފަންގިފިލާގެ ކޮމާޝަލް އިމާރާތެއް އެޅުމަށް ނިންމާފައިވަނީ އެކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ. މިއިމާރާތް އެޅުމަށް ނިންމާފައިވަނީ އެސްޓީއޯގެެ ހެޑް އޮފީހާ އިންވެގެން އޮންނަ 15،000 އަކަ ފޫޓުގެ ބިމެއްގައިކަމަށެވެ.

އެއިމާރާތުގައި އޮފީސް ޖާގައަށް ޚާއްސަ ބަޔަކާއި ޓްރެއިނިން ސެންޓަރަކާއި މަލްޓިޕާޕަސް ހޯލާއި ކެފެޓީރިއާއާއި ރެކްރިއޭޝަނަށް ޚާއްސަ ބަޔަކާއި ވެލްނެސް ސެންޓަރ ފަދަ ތަންތަން ހުންނާނެއެވެ.

އެސްޓީއޯން ބުނީ އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަނަށް ވުރެ އަގުބޮޑު މަޝްރޫޢެއް ހިންގާފައިވާ ކުންފުންޏަކަށް ވާން ޖެހޭނެކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭ އެފަދަ ބޮޑު މަޝްރޫޢެއް ހިންގާފައިވާ ޕްރައިމަރީ ކޮންޓްރެކްޓަރަކަށް ވާންޖެހޭނެ ކަމަށާއި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުން ބަލައިނުގަންނާނެކަމަށްވެސް އެސްޓީއޯން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!