ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓުވި 20 މީހުންގެ ތެރެއިން 15 މީހުންނަކީ އެމްއޭސީއެލް ސްޓާފުން
ރާއްޖޭގައި ޗުއްޓީ ހޭދުކުރުމަށްފަހު ދިޔަފަހުން ކޮވިޑް-19 އަށް ފައްސިވި ފުޓުބޯޅަ ކުޅުންތެރިޔާ މެރޮއާން ފެލައިނީއާ ޑައިރެކްޓު ކޮންޓެކްޓުވި 20 މީހުންގެ ތެރެއިން 15 މީހުންނަކީ އެއާޕޯޓުގައި މަސައްކަތްކުރާ އެމްއޭސީއެލްގެ ސްޓާފުން ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ 20 މީހުންގެ ތެރެއިން 15 މީހުންނަކީ އެމްއޭސީއެލްގެ ސްޓާފުން ކަމަށައި އަދި ބާކީ ފަސް މީހުންނަކީ ރީތި ރަށުގެ މުވައްޒަފުން ކަމަށެވެ. މަބްރޫކް ވިދާޅުވީ ފެލައިނީއާ ރީތި ރަށުން ޑައިރެކްޓު ކޮންޓެކްޓުވި ފަސް މީހުން ރީތި ރަށުގައި އެކަހެރިކޮށްފައިވާ ކަމަށެވެ
ފެލައިނީއާ ޑައިރެކްޓު ކޮންޓެކްޓުވި 20 މީހުންގެ ތެރެއިން ދެ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައިވުމުން އެ ދެމީހުން ޓެސްޓު ކުރި ކަމަށާއި ނަމަވެސް އެ ދެ މީހުންވެސް ބައްޔަށް ނައްސިވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
މީގެއިތުރުން ފެލައިނީއާ ކޮންޓެކްޓުވި މީހުން ދިރިއުޅޭ ގެތަށްވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ދެ ގެއަކީ ފެލައިނީއާ ކޮންޓެކްޓުވި ބައެއް މީހުން ދިރިއުޅެމުން އަންނަ ގެތައް ކަމަށް ސަރުކާރުން ބުނެއެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.