މާލޭ އުތުރު ފަރާތު މަގު ފުޅާކުރާނީ ވަކި މަޝްރޫއެއްގެ ގޮތުގައި: ރައީސް
މާލޭގެ އުތުރު ފަރާތު މަގު ފުޅާކުރުމުގެ މަސައްކަތް ކުރާނީ ވަކި މަޝްރޫއެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ބޯހިޔާވަހިކަމަކީ މާލެއަށް ބޭނުންވާ އެންމެ މުހިއްމު ކަންތައް ކަމުގައި ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހެދިގެން ދިއުމަކީ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެންމެ ފަސޭހަވާނެ ދެވަނަ ކަންތައް ކަމަށެވެ.
ރައީސް ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ބޭނުންކުރާ އެންމެ ބޮޑު ކަމަކީ މާލެއާއި ވިލިމާލޭގެ މަގުތައް ހެދުމަށް ކަމަށެވެ. އަދި ދެވަނަ ކަމަކަށް އެ އެހީ ބޭނުންކުރާނީ ވިލިމާލެ ޓާޝަރީ ހޮސްޕިޓަލް ހެދުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހަދަނީ, ހަދާ ނިމޭފަހުން އަލުން ރޫޅާލަން ޖެހޭ ވަރު މަދުވާނެ ގޮތަކަށް ބިމުގެ އަޑީގައި ހުރި ނެޓުވޯކުތައް އާ ކޮށްގެން ކަމަށެވެެ. އަދި އެކަމަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ވިދާޅުވި އެވެ.
އެ މަޝްރޫއުގައި ނުހިމެނެނީ އުތުރު ފަރާތު ބޭރު މަގު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަގު ހަދާނީ ހައުސިން މިނިސްޓްރީއިން ބަޖެޓްކޮށްގެން ވަކި މަޝްރޫއެއްގެ ގޮތުގައި ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން އެ މަގު ފުޅާކޮށް, ތޮށިލުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކައުންސިލްގެ ދައުރު ވެސް އެކަމުގައި އޮންނާނެ ކަމަށެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިންގެ މަސައްކަތަށް ވަރަށް އަވަހަށް ޗައިނާއިން ޓީމެއް އަންނާނެ ކަމަށާއި ދެތިން މަރުހަލާއެެއް ނިމިގެން އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި އަހަރު ނިމޭހާ ތަނުގައި ނުވަތަ އަންނަ އަހަރު ފެށޭހަ ތަނުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.