މި ސަރުކާރުގެ ސިޔާސަތުތަކުން މާލީ ނިޒާމުގެ ނަޒާހަތްތެރިކަން އެބަ ގެއްލޭ: ފައްޔާޒު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ގެއްލެމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ބޭންކުތަކުގެ ބޯޑަށް ވެސް ސަރުކާރުގެ ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމުން، ފައްޔާޒު ފާޑުވިދާޅުވީ އެ ކަމަށެވެ.
ފައްޔާޒުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ އެއްވެސް ސަރުކާރަކުން އެ ކަން ނުކުރީ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް ކަމަށެވެ.
"މި ސަރުކާރުން މިފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު،" ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް "ސިއްރުވެރި ދައުލަތެއް" ގާއިމުކުރުމަށް ސަރުކާރުން މިސްރާބު ޖަހާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީގެ ޕޮލިސީ ކަރުދާހާއި ދަރަނި މެނޭޖުކުރުމުގެ ސިޔާސަތުގެ ބަޔާނެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. ސަރުކާރުން ހުށަހަޅާ އެ ބަޔާންތައް ސިއްރުކޮށްދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެދިވަޑައިގެންނެވި އެވެ.
ފައްޔާޒު އިޝާރާތް ކުރެއްވީ އެ ކަމަށެވެ.
"މިއީ އެތެރޭގެ އަދި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ސިޔާސަތުތަކެއް،" ފައްޔާޒު ވިދާޅުވި އެވެ.
ދުޅެހެޔޮ އިގުތިސާދެއް ބިނާކުރުމަށް ކަންކަން ހާމަކުރަން ކެރެން ޖެހޭނެ އަދި އެ ހާމަކުރުމުން އަންނަ ފާޑުކިޔުންތައް އަޑު އެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުރުން ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.