ޕްލޭނެއް ނެތި ގޯތިދީފައި ހުރުމުން ފޭސް 2 އޮންނާނީ މާލެއަށް ވުރެ ހާލުގައި: މުސްތޮ
ޕްލޭނެއް ނެތި ގޯތިދީފައި ހުރުމުން ފޭސް 2 އޮންނާނީ މާލެއަށް ވުރެ ހާލުގައި ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް (އިމްނާ މުސްތޮ) މިއަދު ވިދާޅުވެއްޖެ އެވެ.
މުސްތޮ މިހެން ވިދާޅުވީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ ބަހުސްގަ އެވެ.
މުސްތޮ ވިދާޅުވީ މާލެ މިހާރު މިއޮތް ހާލަތަށް ގޮސްފައިވަނީ ރާއްޖޭގެ 3 ވަނަ ވެރިކަމަށްފަހު ދެން އައި ވެރިކަންތަކުގައި ތަސައްވަރެއް ނެތި އަދި ލިޔެފައި އޮތް ތަސައްވަރެއް ބިނާކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ގެންދިއުމުން ކަމަށެވެ.
"ތޮއްޖެހިފައިވާ މި މާލެއަށް މިއަދު ނޭވާލާނެ ނިޒާމެއް, ރައްޔިތުން ނޭވާލާނެ ތަންކޮޅެއް, ނޭވާލާނެ ގޮތެއް ނެތިގެން ދިއުން" - މުސްތޮ
މުސްތޮ ވިދާޅުވީ ބިމާ ބެހޭ ގަވާއިދުގެ ދަށުން ވަކި ގޮތަކަށް ތަރައްގީކުރަން ޕްލޭންކޮށްފައި ހުރި ތަންތަން އެގޮތާ ހިލާފަށް "ކުދިކޮށް" ގެތަކެއް ދެވިގެން ދިޔަ ކަމަށެވެ.
އިއްޔެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ މުސްތޮ ވިދާޅުވީ އަލަށް ދޫކުރެވުނު ގޯތިތަކުގެ ސަބަބުން މާދަމާގެ މުސްތަގުބަލަށް ދަރިންނަށް ކުރާނެ އަސަރު މިއަދު އިހުސާސްކުރެވެމުންދާ ކަމަށެވެ.
" އެގޮތަށް ކުދި ކުދި ކޮށްފައި ގޯތިތަކެއް ދެވުނީމާ މާލެ މިއޮށް ހާލަށްވުރެ އުނދަގޫ ހާލަތެއްގައި މާދަމާ ފޭސް 2 ގެ ރައްޔިތުން އުޅޭނެ ކަން އެއީ އަޅުގަނޑަށް ވަރަށް ބޮޑަށް ކަށަވަރުވާ ކަމެއް" - މުސްތޮ
ބަހުސްކުރެވެމުންދާ ގާނޫނު މުހިއްމުވާ ސަބަބެއްގެ ގޮތުގައި މުސްތޮ ވިދާޅުވީ އެއްސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވެގެންދާއިރު ތަރައްގީގެ މަޝްރޫއުތަކުގެ ޕްލޭންތައް ބަދަލުވެގެންދާ ދިއުން މި ގާނޫނުން އުނިވެގެންދާ ކަމަށެވެ.
މުސްތޮ ވިދާޅުވީ އެ ގާނޫނުގައި ސިޓީ, ސަރަހައްދު އަދި ރަށްތައް ތަރައްގީކުރެވިފައި އޮންނަން ޖެހޭނެ ގޮތް އަދި އެތަންތަނުގައި ހުންނާނެ ވަސީލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ.
މާލެ ސަރަހައްދު ގޯތިތައް ދޫކޮށްފައިވާ ގޮތުން ރައްޔިތުން ބޭނުންވާ ވަސީލަތްތަކާއި ރައްޔިތުން ނިކުމެ ހިތް ފަސޭހަކޮށްލާނެ މައިޒާންތަކާއި ކުޅޭނެ ތަންތަން ނެތްތަންތަނުގެ ގޮތުގައި ވެގެންދިޔަ ކަމަށް މުސްތޮ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ގޯތިތައް ދޫކޮށްފައިވާ ގޮތާ ގުޅިގެން ފާޑުވިދާޅުވެ, މުސްތޮ ވިދާޅުވީ އެއީ ދިވެހި ތާރީހުގައި ވެސް ދައުލަތަކަށް ވެފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށެވެ. އަދި އެ ހިޔާނާތުގެ ޒިންމާ ހަގީގަތުގައި މިދިޔަ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް މުސްތޮ ވިދާޅުވި އެވެ.
މުސްތޮ ވިދާޅުވީ މި ގާނޫނާއެކީގައި މިފަދަ ކަމެއް ކޮށްފައިވާ ރުކާރާ މެދު އެޅޭނެ ފިޔަވަޅުތަކެއްވެސް އޮންނަން ޖެހޭނެ ކަމަށެވެ.