ޚަބަރު

ބޯން މެރޯ ޓްރާންސްޕްލާޓަށް ފަހު އެއް ކުއްޖަކު ރާއްޖެ އައިސްފި، އޮޕަރޭޝަން ކާމިޔާބު!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ލޭގެ ޓެސްޓެއް ހެދުމަށް ލޭ ނަގަނީ

ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް މިހާތަނަށް ތެލެސީމިއާ 14 ޕޭޝަންޓުން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ޕޭޝަންޓަކު ކާމިޔާބު ކަމާއެކު އޮޕަރޭޝަން ނިންމައި އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ސާޖިދާ އެހެން ވިދާޅުވީ ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓާ ޕްލޭން މަޝްވަރާކުރުމަށް އިސްރަށްވެހިންގެ ނާދީގައި ބޭއްވި ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ ތެލެސީމިއާ އަކީ ރާއްޖޭގެ އެތައް އާއިލާތަކަކުން ތަހައްމަލުކުރަމުން އަންނަ ކަމެއް ކަމަށާއި އެކަން އޮތީ އިތުރަށް ވިސްނާ, ހޭލުންތެރިވާން ޖެހޭ ހާލަތެއްގައި ކަމަށެވެ.

މިހާތަނަށް 955 ތެލެސީމިއާ ކުއްޖަކު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 666 ކުއްޖަކު ފަރުވާ ހޯދަމުންދާ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ މި ސަރުކާރުން ތެލެސީމިއާ މައްސަލައަށް ދޭ ހާއްސަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި 14 ކުދިން ބޯންމެރޯ ޓްރާންސްޕްލާޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކުއްޖަކު ފަރުވާ ފުރިހަމަ ކުރުމަށްފަހު ހެޔޮ ހާލުގައި ރާއްޖެ އައިސްފައިވާ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް, އުފަލެއް" - ސާޖިދާ

ސާޖިދާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ދެވިފައިނުވާ ފަދަ އިސްކަމެއް ތެލެސީމިއާގެ މައްސަލަ ހައްލުކުރަން މި ސަރުކާރުންދޭ ކަމަށެވެ.

އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާ އެކު ހުޅުމާލޭގައި ހޮސްޕިޓަލެއް އެޅުމަށް ހަވާލުކުރުމަށް ވަރަށް އަވަހަށް ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއީ އެންމެ ޒަމާނީ ވަސީލަތްތަކާ ފަސޭހަތައް އެކުލެވިގެންވާ މަތީ ހޮސްޕިޓަލެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ އެ ހޮސްޕިޓަލާއެކު ފަރުވާ ހޯދަން ހޭދަވާ ވަގުތުގައި މާލީ ގޮތުންނާއި އެކި ގޮތްގޮތުން އުފުލަން ޖެހޭ ތަކުލީފުތައް ނިމުމަކަށް ގެންނާނެ ކަމަށެވެ.

ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ބޯންމެރޯ ހެދުމަށް ފޮނުވަމުން ދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވހު އެވެ.

ދުރު ރާސްތާގެ ހައްލެއްގެ ގޮތުން 2028 ވަނަ އަހަރުން ފެށިގެން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމު ކަށަވަރުކުރުންވެސް އޭ ތެރޭގައި ހިމެނެ އެވެ. އަދި ވަށާޖެހޭ ހައްލެއްގެ ގޮތުން ތެލަސީމިއާ އަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށްވެސް ނިންމަވާފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!