ޚަބަރު

ކ. އިން އދ. އަށް އޮރެންޖް އެލާޓް ނެރެފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތި/ ފޮޓޯ: ދެން

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓެއް މިއަދު ނެރެފި އެވެ.

Ads by Hajj Corporation

މެޓް އޮފީހުން އޮރެންޖް އެލާޓް ނެރުނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. އެސަރަހައްދަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފައި ވަނީ މެންދުރުފަހު 2:15 އިން މިރޭ 6:15 އަށެވެ.

މިއަދު ހެނދުނު 11 ޖަހާކަންހާއިރު ބޯކޮށް ވާރޭ ވެހެން ފެށިއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް މިހާރު ވަނީ ފެންބޮޑުވެފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މަގުމަތީގައި ހުރި ބައެއް ވެހިކަލްތަކަށް ވަނީ ގެއްލުން ލިބިފަ އެވެ. އެކަމަކު އަދި މިހާތަނަށް އެއްވެސް ގެއަކަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 9 ރަށަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވެ އެވެ. އެންމެ ބޮޑަށް ފެނުގެ އަސަރުކޮށްފައިވަނީ ހއ އަތޮޅުގެ ރަށްތަކަށެވެ. ކައުންސިލު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހއ. ހޯރަފުއްޓަށެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރުމުގައި ސަމާލުކަން ދޭން ކަމާއި ބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި މޫސުން ރަނގަޅު ވަންދެން ދަތުރުތައް މަޑުޖައްސާލަންވެސް އިލްތިމާސްކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!