ވިއްސާރާގައި މިއަދު 20 ރަށެއް ފެން ބޮޑުވެއްޖެ

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖެއަށް ހުއްޓާނުލައި ކުރަމުންދާ ވިއްސާރާގައި އިތުރު 20 ރަށެއް ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އޭގެ ތެރެއިން ހއ. އަތޮޅުގެ ހަތަރު ރަށެއްގެ 12 ގެއަކަށް ފެން ވަދެ ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިގެން އެ ގެތަކުގައި ދިރިއުޅޭ އާއިލާތައް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭން ބުންޏެވެ. އެއީ ހއ. ހޯރަފުށިން ހަ ގެއެއް، ހއ. ބާރަށުން ދެ ގެއެއް، ހއ. ކެލާއިން ދެ ގެއެއް އަދި އިހަވަންދޫން ދެ ގެއެކެވެ.
ފެން ބޮޑުވި ރަށްރަށުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނައީ ހއ. އަތޮޅުންނެވެ.
އެ އަތޮޅު މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން 12 ރަށުގައި ފެން ބޮޑުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެ އަތޮޅުން ފެން ބޮޑު ވެގެން މިއަދު ރިޕޯޓް ކޮށްފައި ނެތީ އެ އަތޮޅު ވެރިރަށް ދިއްދޫންނާއި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުން އެކަންޏެވެ. ދިއްދޫގައި ފެން ބޮޑުވެގެން އިއްޔެ ރިޕޯޓުކުރި އެވެ.
ހދ. އަތޮޅުގެ ހަތަރު ރަށެއް ހިމެނެ އެވެ. އެއީ ނޮޅިވަރަމާއި ހަނިމާދޫއާއި ނޮޅިވަރަންފަރާއި ނެއްލައިދޫ އެވެ. އެންމެ ދެކުނުން އައްޑޫ ސިޓީގެ ތިން ރަށެއް ހިމެނެ އެވެ. އެއީ އެ ސިޓީގެ ހިތަދޫއާއި މީދޫއާއި ފޭދޫ އެވެ. ދެން ރިޕޯޓްކޮށްފައި ވަނީ ކ. އަތޮޅު ހުރައިންނެވެ.
އިއްޔެ ނުވަ ރަށެއް ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވެ އެވެ. އެއީ ހއ. ދިއްދޫ، ހއ. ބާރަށް، ހދ. ކުޅުދުއްފުށި ސިޓީ، ޅ. ނައިފަރު، ޅ. ކުރެންދޫ، ގއ. ދެއްވަދޫ، އައްޑޫ ސިޓީ ހިތަދޫ، އައްޑޫ ސިޓީ ފޭދޫ، އައްޑޫ ސިޓީ މަރަދޫ އެވެ.