ޚަބަރު

ސަރުކާރު ބަންދުވިޔަސް މާދަމާ މަޖިލިސް އޮންނާނެ!

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅުމުގައި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށުގައި ފެން ބޮޑުވެ، ހިނގާބިނގާވެ އުޅެން ދަތިވުމާއި ތަންތަނަށް ވެސް ގެއްލުން ލިބެމުންދާތީވެ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މަދާމައަށް އެޖެންޑާކޮށްފި އެވެ.

Ads by STELCO

ރަސްމީ ދުވަހެކޭ އެއް ގޮތަށް މަޖިލީހުގެ ޖަލްސާ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ފަށާ ގޮތަށް، މަޖިލީހުގެ ވެބްސައިޓުގައި އެޖެންޑާ ޝާއިއުކޮށްފައިވެ އެވެ.

އެޖެންޑާގެ ފުރަތަމަ ކަމަކަށް އޮތީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހަޅުއްވާފައިވާ ސުވާލު ކުރެއްވުމެވެ. ދެން އޮތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވި ކަން ރިޔާސަތުން އެންގުމެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓްގެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި މަޖިލީހަށް ތައާރަފު ކުރުން ވެސް މާދަމާގެ އެޖެންޑާގައިވެ އެވެ. ފޮރިން އިންވެސްޓްމަންޓް ބިލާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މާލީ ސެކިއުރިޓީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް މާދަމާގެ އެޖެންޑާގައިވެ އެވެ.

މަޖިލީހުގައި ކުރަން ހުރި މަސައްކަތްތައް ނުނިމޭތީ، މަޖިލީހުގެ މި ދައުރު ދަންމާލުމަށް ވެސް ވަނީ ނިންމައިފަ އެވެ. ގަވާއިދު ބުނާ ގޮތުން އޮގަސްޓް 15 އަށް ދައުރު ހަމަވެ އެވެ. މަޖިލީހުން ފާސްކުރީ މި މަހު 26 އަށް ދައުރު ދަންމާލުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!