އިންޑިއާއަކީ ހުރިހާ މޫސުމެއްގައި ރާއްޖޭގެ އެކުވެރިއެއް: ޝާހިދު
އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ތަހުނިޔާ ފޮނުވައިފި އެވެ.
ރަސްމީ އެކައުންޓުން "އެކްސް" ގައި މިއަދު ކުރެއްވި ފޯސްޓެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރަށާއި، އިންޑިއާގެ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވާފަ އެވެ.
އިންޑިއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޝާހިދު ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާ ގާތް ގައުމެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައިވެސް އިންޑިއާގެ ބައިވެރިވުން ޝާހިދު ފާހަގަކުރެއްވި އެވެ.
އިންޑިއާއިން ރާއްޖޭގެ ތަރައްގީއާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ދެ ގައުމުގެ ގުޅުމާމެދު އުފާކުރާ ކަމަށެވެ.
މިއަދު ފާހަގަކުރަމުން ދަނީ އިންޑިއާގެ 77 ވަނަ މިނިވަން ދުވަހެވެ. އެ ދުވަހުގެ މުނާސަަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފަ އެވެ.
ކުރިން އިދިކޮޅުގައި މި ސަރުކާރު ހިންގާ ޕީއެންސީން ތިއްބެވިއިރު ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން އިންޑިއާއާ ރާއްޖޭގެ ގުޅުން ހީނަރުވި އެވެ. އެހެން ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ އެ ގުޅުން ވަރުގަދަ ކުރައްވަމުންނެވެ.
މޯދީ، ބޮޑުވަޒީރުގެ 3 ވަނަ ދައުރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. ދާދި ފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ ޖައިޝަންކަރު ވެސް ވަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.