އައިޖީއެމްއެޗް ކައިރީ ހުރި ފެންސެއް ވެއްޓި، ސައިކަލުތަކަކަށް ގެއްލުން ވެއްޖެ
އައިޖީއެމްއެޗާއި ދިރާގު ހެޑް އޮފީސް ކައިރީ ހުރި ފެންސެއް ވެއްޓި، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ފެންސު ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުން އެބަ ދެ އެވެ. އެއީ އައިޖީއެމްއެޗްގެ ފަހަތަށް އަދި ދިރާގު ހެޑް އޮފީހުގެ އެއް ކައިރިއަށް ހުންނަ ޕާކިން ޒޯނަކަށް ހުންނަ ފެންސެކެވެ.
މި ޕާކިން ޒޯނަކީ އައިޖީއެމްއެޗާއި ދިރާގު ހެޑް އޮފީހުގައި މަސައްކަތް ކުރާ މީހުނާއި އެ ދެ ތަނުން ހިދުމަތް ހޯދަންދާ މީހުންގެ އިތުރަށް ވިލިމާލޭގައި ދިރިއުޅޭ މީހުންގެ އުޅަނދުތައް ޕާކުކުރަން ބޭނުންކުރާ ޒޯނެކެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.