ކާރުތައް ދެން ޓޯ ނުކުރާނެ, ގަވާއިދަށް ފައްތަން ދޭނީ ހަ މަސް ދުވަސް
ގަވާއިދާ ހިލާފަށް ރެޖިސްޓްރީ ކޮށްފައިވާ އަދި އެހެން ޒޯނުތަކަށް ރެޖިސްޓްރީކޮށް މާލެ ސަރަހައްދުގައި ގެންގުޅޭ އުޅަނދުތައް މާލެ ޒޯނަށް ބަދަލު ކުރަން ހަ މަސް ދުވަހު މުހުލަތެއް ދިނުމަށް ނިންމައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައި ޕާކުކޮށްފައިވާ ގިނަ އަދަދަދެއްގެ ރޭސިން ކާރުތަކެއް މި މަހުގެ ފެށުނު ހަފުތާގެ ތެރޭގައި ޓޯ ކުރި އެވެ. އެކަމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކާ އެކު، މާލެ ސަރަަހައްދުގައި ދުއްވުމަށް ކާރު ރަޖިސްޓްރީ ނުކުރެވޭތީ ބައެއް ޑްރައިވަރުން މުޒާހަރާ ވެސް ކުރި އެވެ.
ގްރޭޓާ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ޓްރެފިކް އަދި ޕާކިން މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިިނިސްޓަރު މުހައްމަދު އަމީނާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި މާލޭގެ މޭޔަރު އާދަމް އާޒިމާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރެޖިސްޓްރީ ނުކޮށް ހުރި ގިނަ އަދަދެއްގެ އުޅަނދުތަކާއި އެހެން ޒޯނުތަކުގެ އުޅަނދުތައް މާލެ ސަރަހައްދުގައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ އުޅަނދުތައް ޓޯ ކުރުމުގެ ބަދަލުގައި އެޗްޑީސީގެ އެހީތެރިކަމާ އެކު ކަނޑައެޅޭ ބިމަކަށް ގެންދިއުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެކަން ކުރުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް 40 ދުވަސް ދޭނެ ކަމަށެވެ.
ވިދާޅުވެފައި ވަނީ "އޭރުން ޓޯކޮށްގެން ލިބޭ ގެއްލުމާ އަދި ޓޯކޮށްގެން އަރާ ޖޫރިމަނާ ވެސް ނާރާނެ،" ކަމަށެވެ.
"އަދި ހަމަ މި އާއެކީގައި އަޅުގަނޑުމެން އުސޫލު ކަނޑައަޅާނަން ހަ މަސް ދުވަހުގެ ތެރޭގައި އެބޭފުޅުން އެތަނުން އެވެހިކަލެއް ނަންގަވަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތަށް އެކަން ކުރަން ޖެހެނީ ވަގުތީގޮތުން މި ކަމަށް ކަނޑައަޅާ ބިންތަކަކީ އެހެނިހެން ކަންކަމަށް ކަނޑައަޅާފައި ހުންނަ ބިންތަކަށް ވާތީ އެވެ. ދެވޭ ހަ މަސް ދުވަހުގެ ތެރޭގައި ގަވާއިދަށް އުޅަނދުތައް ފެއްތުމަށް ފުރުސަތު ދޭނީ:
- މާލެއިން ބޭރަށް ގެންދަން
- ގާނޫނީ އިމުގެ ތެރެއިން ރެޖިސްޓްރީ ކުރަން
- އެހެން ޒޯނަކަށް ބަދަލު ކުރަން
- އަމިއްލަ ގަރާޖަކަށް ބަދަލު ކުރަން
ބައްދަލުވުމުގައި ވެހިކަލް ކޮންޖެސްޝަން މައްސަލަ ހައްލު ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ އަދި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ.