ޚަބަރު

ކަނޑު ދަތުރުފަތުރު ކުރެވޭ ވަރަށްވުރެ ބާނިތައް އުސް: މެޓް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ކަނޑު ގަދަ ދުވަހެއް އުޅަނދެއް ދަތުރުކުރަނީ/ ފޮޓޯ: ދެން

މި ދުވަސްވަރު ކަނޑު ދަތުރުފަތުރު ކުރެވޭ ވަރަށް ވުރެ ކަނޑުގެ ބާނިތައް އުސްވާނެ ކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ބުނެފި އެވެ.

Ads by Hajj Corporation

ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު ރޭ ދައުލަތުގެ މީޑިއާ "ޕީއެސްއެމް'' އަށް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަބްދުލްﷲ ހާފިޒް ވިދާޅުވީ މޫސުން އަދިވެސް ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިހާރު ރާއްޖެއާ ދުރުގައި އުފެދިފައިވާ ސިސްޓަމްގެ ބާރު ގަދަވެފައި މިވަނީ، އެހެން ނަމަވެސް މި ސިސްޓަމް މިހާރު މިހުރީ ރާއްޖެއާ ފުދޭ ވަރަކަށް ދުރަށް ޖެހިފަ" ހާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރަހައްދުގައި ތޫފާނެއް އުފެދިފައިވާ ކަމަށާއި އެކަމަކު އެ ތޫފާން ދަތުކުރަނީ އެހެން ސަރަހައްދަކަށް ކަމަށެވެ. އެހެންވެ އެ ތޫފާނުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ނެތް ކަމަށް ހަފީޒް ވިދާޅުވި އެވެ.

"ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ޗާންސް ވަރަށް ކުޑަ ކޮށް އޮތީ. ބޮޑަށް ބެލެވެނީ ރާއްޖެއާ ދުރަށް ޖެހޭ ވަރަކަށް މީގެ ބާރު ދަށްވެގެން ދާނެ ކަމަށް" އޭނާ ފާހަގަކުރި އެވެ.

ރާއްޖޭގެ ސަރަހައްދުތަކަށް ވިލާ އަދިވެސް އިތުރުވަމުންދާ ކަމަށާއި، މެދު ރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް މިހާރު ކުރަމުންދާ ގަދަ ވައި މަޑުވާނީ ހޯމަ ދުވަސް ފަހުން ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ރާއްޖޭގެ ދެކުނުގައި ހުރި ގަދަ ވައި އާދިއްތަ ދުވަހުގެ ފަހުން މަޑު ވާނެ އެވެ.

މެދުރާއްޖެ ތެރޭ އަދި އުތުރުގެ ރަށްތަކަށް 18 މޭލާއި 28 މޭލާ ދެމުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނުގެ ރަށްތަކަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެނީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގަ އެވެ.

"ވައިގެ އަސަރު ބޮޑަށް ކުރާނީ ކަނޑު ދަތުރު ކުރާ އުޅަނދު ފަހަރަށް ކެތްކޮށްލެވޭ ވަރަށް ވުރެން ތަންކޮޅެއް ބާނި އުސްކޮށް ހުންނާނީ، ބާނި އުސްމިން އުޅޭކަމަށް އަންދާޒާ ކޮށްލެވެނީ 4 ފޫޓާ 7 ފޫޓާ ދެމެދުގައި" ހާފިޒް ވިދާޅުވިއެވެ.

ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް ޔެލޯ އެލާޓެއް މެޓުން ވަނީ މިއަދު ނެރެފަ އެވެ. މެންދުރު 1 އާ ހަމަޔަށް ނެރެފައިވާ އެ އެލާޓުގައި ބުނީ، ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ވައި ޖެހެނޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!