ޚަބަރު

ތަރައްގީ ހާސިލުކުރެެވޭނީ ގުޅުން ހަރުދަނާ ކޮށްގެން: ޒަމީރު

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑުތައް ހާސިލްކުރުމަށް ގްލޯބަލް ސައުތުއާއި އެނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައިފި އެވެ.

Ads by MWSC

މިނިސްޓަރު ޒަމީރު އެހެން ވިދާޅުވީ އިންޑިއާ ސަރުކާރުން އޮންލައިންކޮށް މިއަދު ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގަ އެވެ. ހާރިޖީ ވަޒީރުންގެ އެ ސަމިޓުގެ ޝިއާރަކީ "ޗާރްޓިންގް އަ ނިއު ޕެރެޑައިމް ފޯ ގްލޯބަލް ސައުތު" އެވެ.

ޒަމީރު ވިދާޅުވީ 2023 ވަނަ އަހަރު ގްރޫޕް އޮފް 20 (ޖީ20) ގެ ރިޔާސަތުގައި އިންޑިއާ އިން އަދާކުރި ފުރިހަމަ ދައުރާއި އިންޑިއާގެ އިސްނެގުމުގެ ދަށުން ތައާރަފްކުރި މުހިންމު ހަރަކާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.

އަދި އެ ހަރަކާތްތަކުގެ ސަބަބުން ޖީ-20 ގެ މެމްބަރު ގައުމުތަކުގެ އިތުރުން ޖީ-20 ގައި ނުހިމެނޭ، ގްލޯބަލް ސައުތުއަށް ނިސްބަތްވާ ގައުމުތަކަށް ލިބެމުންދިޔަ މަންފާ އަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން ޒަމީރު ވަނީ ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުވާލާފަ އެވެ.

އަދި އެ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، ދަރަނި އިތުރުވުމުގެ މައްސަލައާއި މަލްޓިލެޓްރަލް ފްރޭމްވޯކްތަށް އަދާހަމަކޮށްގެންކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ދިވެހިރާއްޖެ ފަދަ ގައުމުތަކުގެ ތަރައްގީގެ ތަސައްވަރު ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ އައު އީޖާދަތައް ހަމަހަމަ އުސޫލެއްގެ މަތިން ގްލޯބަލް ސައުތުގެ ގައުމުތަކަށް ފޯރާކަން ކަށަވަރުކުރުން މުހިންމު ކަމަށެވެ.

އަދި ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ގްލޯބަލް ސައުތުއާއި އެނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެމްބަރު ގައުމުތައް، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް، ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ސަމިޓުވެސް އިފްތިތާހްކޮށް ދެއްވާފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.

ފޮރިން މިނިސްޓަރުންގެ ސެޝަން ރިޔާސަތު ބަލަހައްޓަވާފައިވަނީ އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރް އެވެ.

މި ޖަލްސާގައި ބްރޫނާއީ، ކެމްބޯޑިއާ، ކިއުބާ، އިރާގު، ލާއޯ ޕީޑީއާރު، ލެސޯތޯ، މެލޭޝިއާ، ޕެނަމާ، ޕަޕުއާ ނިއު ގިނީ، ސޮލޮމަން އައިލެންޑްސް، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި ޓޫވާލޫ ގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!