ޚަބަރު

ދެމެހެއްޓެނިވި މަސްވެރިކަމާ ދުރަށްދާތީ ޝާހިދުގެ ކަންބޮޑުވުން!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ފޮޓޯ: ދެން

މި ސަރުކާރުން ދެމެހެއްޓެނިވި މަސްވެރިކަމާ ދެކޮޅަށް ދުރަށްދާ ކަމަށް ވިދާޅުވެ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Ads by STELCO

އަދި ކުރީގެ ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ޝާހިދު އެ ކަންބޮޑުވުން ފާޅުކުރެއްވީ ލޭނުގައި ޖެހި މަރުވާ މިޔަރު ހިފޭ ގޮތަށް ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ގަވާއިދެއް އެކުލަވާލުމާއި ގުޅިގެންނެވެ.

ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން އުވާލައި އަދި މިޔަރުގެ މަސްވެރިކަމަށް ހުއްދަދިނުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.

އެ ނިންމުމަކީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ލިބުނު ފައިދާތައް ބަދަލުކޮށްލާނެ ނިންމުމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށާއި ބައިނަލްއަގްވާމީ ގޮތުން ރާއްޖެއަށް ލިބިފައިވާ ޝަރަފާއި ލީޑާޝިޕަށް ނުރައްކާވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވަނީ އެ ނިންމުން ބަދަލުކޮށް ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފެށިއިރު ވެސް މަސްވެރިން އެ ކަމާ ދެކޮޅަށް މުޒާހަރާކުރި އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ލޭނު މަސްވެރިކަމުގެ ގަވާއިދުގެ ފުރަތަމަ ޑްރާފްޓް އެކުލަވާލައިފަ އެވެ. އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވެ އެވެ.

އޭގެ އިތުރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލޭނު އަޅަން ހުއްދަ ދީފިނަމަ ރާއްޖޭގެ ޓޫރިޒަމް ހަލާކުވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!