ޚަބަރު

މެމްބަރުން ގޭގައި ތިއްބެގެން މަޖިލިސް ކުރިއަށް ގެންދަން ނިންމައިފި

ކޮވިޑް-19އާ ގުޅިގެން އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް މެމްބަރުން ގޭގައި ތިއްބަވައިގެން ކުރިއަށް ގެންދާ ގޮތަށް މަޖިލީހުން ނިންމައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގައި މަޝްވަރާ މަޖިލީހެއްގައި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި، މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފާސްކޮށްފައި ވަނީ އަންނަ ހަފްތާއިިން ފެށިގެން މެމްބަރުން ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވުމަށެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް ބޭނުން ކޮށްގެން ކަމަށާއި މެންބަރުން ބޭނުން ކުރައްވާނީ އެބޭފުޅުންގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށް މަޖިލީހުން ބުނެއެވެ. އަދި އެ ޖަލްސާތަކުގެ ލައިވް ފީޑް މީޑިއާއަށް ލިބޭނެ އިންތިޒާމް ހަމަޖައްސަމުން ގެންދާ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާ އެއް ބާއްވާފައި ވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މަޖިލިސް ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!