ޚަބަރު

ބަންކަރިންގެ ހިދުމަތް ފަށަން އެމްޕީއެލުން އެސްޓީއޯއާކު އެއްބަސްވުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ހިދުމަތްތައް އެކުގައި ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

Ads by Sosun Fihaara

އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހިމެވެ.

އެމްޕީއެލުން ބުނީ، އެ ފަހުމުނާމާގެ ދަށުން އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތާއެކު، އިތުރު މެރިޓައިމް ހިދުމަތްތައްވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެސްޓީއޯއިން އޮފްޝޯ ބަންކަރިން ހިދުމަތް ފޯރުކޮށްދޭއިރު، އެމްޕީއެލްއިން ފޯރުކޮށްދޭނީ ޕައިލަޓޭޖާއި އެހެނިހެން މެރިޓައިމް ހިދުމަތްތަކެވެ.

ދެ ކުންފުނިން ގުޅިގެން ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމުގައި ވީހާވެސް ފަސޭހަ ހިދުމަތެއް ދިނުމަށް މަސައްކަތްކުރުމަށް އެއްބަސްވެފައިވެ އެވެ. އަދި އެ ހިދުމަތް މާކެޓް ކުރުމުގައިވެސް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ، އުތުރުގެ ސަރަހައްދަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށާއި، އުތުރުގައި ބަންކަރިން އަދި މެރިޓައިމް ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

"އެއްވެސް ކަހަލަ މާކެޓިންއެއް ނެތި، މިހާރުވެސް ހއ. އުލިގަމު ކައުންސިލްގެ ރެކޯޑްތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދަށް އެބަ ކޯލްކުރޭ ފެނުގެ ހިދުމަތް ހޯދަން. އެހެންވީމާ އަޅުގަނޑުމެންނަށް އެ ސަރަހައްދުން ތެލާއި ފެން ފޯރުކޮށްދެވުނީމަ ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ،" ވަޖީހް ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!