ޗަމްޕާގެ ރިސޯޓުތައް ތިން މަހަށް ބަންދު ކުރާނީ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގަމުން އަންނަ އެއް ކުންފުނިކަމަށްވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ހިންގަމުން އަންނަ ހުރިހާ ރިސޯޓެއް ތިން މަސް ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ރާއްޖޭގައި އަށް ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ރާއްޖެއިން ފުރަތަމަ ކޮވިޑް-19 ފެނުނު ކުރެއްދޫ ރިސޯޓު ހިމެނެއެވެ.
ޗަމްޕާ ގުރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގްރޫޕުން ހިންގާ ރިސޯޓުތަކުގެ ތެރެއިން ތިން ރިސޯޓެއް އަންނަ އެޕްރީލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަ ދުވަހާއިހަމައަށް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބާކީ ފަސް ރިސޯޓު ބަންދު ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫން 30 ވަނަ ދުވަހާއި ހަމައަށެވެ.
ޗަމްޕާ ގްރޫޕުގެ ރިސޯޓުތައް ބަންދު ކުރާއިރު މުވައްޒަފުންނާއި މެދު އަމަލު ކުރާ ގޮތެއް އެކުންފުނިން ހާމަކޮށްފައި ނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދާއި، ފަތުރުވެރިކަމަށް ދިމާވެފައިވާ ހީނަރުކަމާއި ގުޅިގެން ޔުނިވާސަލް ގްރޫޕުން ހިންގާ ރިސޯޓުތައްވެސް ވަނީ ތިން މަހަށް ބަންދު ކުުރުމަށް ނިންމާފައެވެ. އަދި ވިލާ ގްރޫޕުން ހިންގާ ރިސޯޓުތައް ވެސް ވަނީ ބަންދުކޮށް މުވައްޒަފުންނަށް ނޯޓިސްދީފައެވެ.