މާލީ ބަގާވާތުގެ ތަހުގީގަށް ނުފޫޒެއް ނުފޯރުވާނަން: ރައީސް
އިއްޔެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ އެކައުންޓްތަކުން ބޭރުގެ މުއާމަލާތްތައް ނުހިންގޭ ގޮތަށް ނިންމި ނިންމުމަކީ ސަރުކާރާ ދެކޮޅަށް ހިންގި "މާލީ ބަގާވާތެއް" ކަމަށާއި ފުލުހުން ހިންގާ ތަހުގީގަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެ ހިނގައިދިޔަ ކަންކަމުގައި ގާނޫނީ ވެރިކަން ވައްޓައިލުމުގެ ކަންކަން ހިނގި ކަމަށް ބެލެވޭތީ ފުލުހުންގެ ތަހުގީގު ހިނގަމުންދާ ކަމަށް ބުނެ ނެރުނު ބަޔާނާ ހަވާލާދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
އެހެން ނަމަވެސް ބޭންކުން އެ ނިންމުން ނިންމި ވަގުތާއި އެމްޑީޕީން ޕްރެސް ކޮންފެރެންސެއް ބޭއްވުމާއި ސަރުކާރާ ދެކޮޅަށް މީހުން މަގުތަކަށް ނުކުންނަން ހިތްވަރު ދިނުމަށް ކުރި މަސައްކަތް ގުޅުވައިލުމުން އެއީ ބަގާވާތެއް ކަން އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ދެންނެވި ހުރިހާ ޑޮޓެއް ގުޅޭ ކަން ސަލާމަތުން ބުއްދި ހުރި މީހަކަށް އެނގޭނެ. މިއީ ހަމަ ބަގާވާތެއް،" ވެރިކަންކުރާ ޕީއެންސީގެ ހަރުގޭގައި މިރޭ ކުރިއަށްދާ ޖަލްސާގައި ވިދާޅުވި އެވެ.
ފުލުހުން ތަހުގީގު ހިންގުމަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުން ފުލުހުންގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ފުލުހުންގެ "ޕްރޮފެޝަނަލް" ތަހުގީގުން ފާހަގަވާ ކަންކަމަށް ފިޔަވަޅު އެޅުމާއި، ދައުވާކުރުމާއި ޝަރީއަތް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ކުރާ ތަހުގީގަކުން، ދައުވާކޮށްފައި، ޝަރީއަތް ހިންގުމަށް ފަހު، ކޮންމެ މީހަކަށް ވެސް ހުކުމެއް އައިސްފިއްޔާ ވެސް ތަންފީޒުކުރަން ފަހަކަށް ނުޖެހޭނަން،" ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން ބަދަލެއް ނުހިފާނަން. ކިތަންމެ ބައިވަރު ދޮގު ހެދިޔަސް ހައްޔަރެއް ނުކުރާނަން. ނަމަވެސް ގާނޫނު އަސާސީގެ ބާރުތައް ކަނޑުވައިލަން މަސައްކަތްކޮށްފިނަމަ ދުލެއް ނުކުރެވޭނެ. އެއީ އަދުލުވެރިކަން،" އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެޖޯރިޓީ އަދި ސަރުކާރަށް ނެތް ކަން ވެސް ރައީސް ސާފުކޮށްދެއްވި އެވެ. ނުވަ ޑިރެކްޓަރުންގެ ބޯޑުގައި އަދި ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޑިރެކްޓަރުން ދެ ނަމެއް އަދި ޗެއާމަންގެ ނަން ވެސް ފޮނުވި. އަދި ފާހެއް ނުކުރޭ. އަދި އެ ޕްރޮސީޖާގައި ދެ ހަފުތާ ވާނެ،" އެމަނިކުފާނު ސާފުކޮށްދެއްވި އެވެ.
ބީއެމްއެލްގެ ނިންމުން ބަދަލުކުރީ އެމަނިކުފާނާއި ބައެއް ވަޒީރުންގެ މަސައްކަތްޕުޅުން ޗަމްޕާ މުހައްމަދު މޫސާއާއި ހުސައިން އަފީފް ރެޕްރެޒެންޓްކުރާ ޑިރެކްޓަރުންގެ އެހީ ފަހު ވަގުތު ލިބުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ އެ ބޭފުޅުންނަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.
ޢެއީ ބަޢާވާތަކައް ނުވަސނެ އެއްގޮތެއްވެސްނެއް އެމަސްއަލަ ފުލުހުންނާ ސަފައިން ބަލަންޖޭހޭ އަހަރުމެން ގިނަ ރައްޔިތުންގެ ސަޕޯޓައެކު ހޮވި ސަރުކާރެއް ވައްޓާލަން އެހިންގީ އަސްލުގަވެސް ބަޢާވާތެއް