އަސްކަރީ ދެ ފުލައިޓްގައި އިންޑިއާ ސިފައިން ހަނިމާދުއަށް
ހދ. ހަނިމާދޫ އެއާޕޯޓުގައި އިންޑިއާގެ އަސްކަރީ ދެ ޑޯނިއާ ޖައްސައިފިއެވެ.
އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ވެސް ހަނިމާދޫގައި ޖައްސާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވަނީ މިއީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް އެމްއެންޑީއެފްގެ ކޯސްޓް ގާޑުގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އަދި އަސްކަރީ މަތިންދާބޯޓުގައި އައި އިންޑިއާ ސިފައިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ގައި 16ގެ ނިޔަލަށް ތިބޭނެ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 54 ވަނަ އޭރިއަލް ސަވައިލަންސް ޕެޓްރޯލު ކަމަށާއި 2009 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ކުރިޔަށްދާ މި ޕެޓްރޯލަކީ، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވައިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަސްކަރީ ދެ މަތިންދާބޯޓު ހަނިމާދޫގައި ޖައްސާފައިމިވަނީ ރާއްޖޭގައި މިލިޓަރީގެ ޕްރެޒެންސް އެބައޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި ބައެއް އާއްމުން "އިންޑިއާ އައުޓް" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕެއިނަށް ކުރިއަށް ގެންދަމުންދާ ދުވަސްވަރެއްގައެވެ.
އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތައް އޮތް ނުރައްކަލެއް ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްއިން އަންނަނީ ތަކުރާރުކޮށް އެ ވާހަކަތައް ދޮގު ކުރަމުންނެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު ވީ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮންނަ އިރު އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ކައްދޫގައެވެ.