މިތިބީ އެންމެ ފަހު ރުފިޔާއާ ޖެހެންދެން ވެސް ރައްޔިތުންގެ ރައްކާތެރިކަމަށް ހޭދަކުރަން: މަބްރޫކް
ރާއްޖޭގެ ސަރުކާރުން މިތިބީ އެންމެ ފަހު ރުފިޔާއާ ޖެހެންދެން ވެސް ރައްޔިތުން ރައްކާތެރިކަމަށް ހޭދަކުރަން ކަމަށް ކޮވިޑް-19އާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިހެން ވިދާޅުވީ އާދައިގެ މަތިން ކޮވިޑް-19 ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖެ ލޮކްޑައުން ކުރުމާ ބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވަނީ މުޅި ގައުމު ހުއްޓުމަކަށް ގެނެސް ކާފިއު އިއުލާނުކުރުމުގެ ބަދަލުގައި މިއީ ޑިމޮކްރެޓިކް ގައުމެއް ކަމަށް ދަނެގެން މުޅި މުޖްތަމައު އެކައްޗެއް ކިޔައި ކުރިއަށް ދާން ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށެވެ.
"ރާއްޖޭގެ ހާލަތަށް ބަލާލާފިނަމަ އެނގޭނެ މި ގައުމަކީ އެއްވެސް ކާބޯ އެއްޗެއް އުފައްދާ ގައުމެއް ނޫން. އަޅުގަނޑުމެން އެތެރެ ކުރަނީ ހުރިހާ އެއްޗެއްވެސް. ދޭ ހިދުމަތްތަކަށް ބަލާ ނަމަ ރާއްޖޭގެ ރަށްތައް ގުޅިފައި ނުހުންނާތީ ސެންޓަރަލައިޒް ކޮށްގެނެއް ނޫން ކަރަންޓު ވެސް ދެނީ. ފެން ވެސް ޖެހެނީ އުފައްދަން. ދެން ހުރީ ކަންމަތީ ފިހާރަތަކާއި ސުޕަ މާކެޓުތައް. އެތަންތަން ވެސް ބަންދު ކޮށްފިއްޔާ ދިމާވާނެ ދަތިތައް އެނގޭނެ ތި ބޭފުޅުންނަށް."މަބްރޫކް ވިދާޅުވިއެވެ.
މިގޮތަށް އޮތް ގައުމެއްގައި އަޅާ ފިޔަވަޅާއި ހާލަތާ ގުޅުވާއިރު ގާނޫނު ބޭނުން ކޮށްގެން ކިހާ ހިސާބަކަށްތޯ ދާނީ މަބްރޫކް ވަނީ ސުވާލު އުފައްދަވާފައެވެއޭނާ ވިދާޅުވީ މިހާރު ފިޔަވަޅުތައް އަޅަމުން އަންނަ ދުވެލި ރަނގަޅު ކަމަށާއި އިތުރު ބިރުވެރިކަމެއް ފެންނަން ހުރިއްޔާ އެކަމަށް ފިޔަވަޅު އަޅަމުންދާނެކަމަށެވެ.
"މީގަ އެންމެ ބޮޑު އެއްކަމަކީ މި ބަލީގެ ކޮޅެއް ނުފެނޭ. މިކަން ނިމޭނެ ދުވަހެއް އަޅުގަނޑުމެނަކަށް ނޭނގެ. އެހެންވީމަ ކިހާ ދުވަހަކުތޯ އަޅުގަނޑުމެންކަހަލަ ގައުމަކަށް ތިބެވޭނީ ހުރިހާ ކަމެއް ހުއްޓާލައިގެން. ކާބޯތަކެތި ވެސް ގެންނަން ޖެހޭ، ހަނޑު ވެސް ނުލިބޭ ރުފިޔާ އަކަށް. ހަނޑޫ ލިބެނީ ޑޮލަރަށް. މިކަހަލަ ބައިވަރި ފެކްޓާސް އެކުލެވޭ އަޅުގަނޑުމެން ޑިސައިޑް ކުރަން ޖެހޭ ކޮންމެ ކަމެއްގައި." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ކޮންމެ ނިންމުމެއް ނިންމާއިރު ވެސް މުޅި ސަރުކާރު ބައިވެރިވާ ކަމަށާއި އެންމެ ބޮޑު ސަމާލުކަމެއް ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވާ ވާހަކައަށް ކަމަށެވެ.