ލައިފްސްޓައިލް

ގޭގައި ތިބެން ފެށީމަ ދިވެހިން ޑްރާމާ ބަލާ މިންވަރު އިތުރު ދޯ؟

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ވުހާން ސިޓީ އިން ފުރަތަމަ ފެނުނު ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޯވިޑް 19 ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ދާތީ މުޅި ދުނިޔެ މިވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ހަތަރު ލައްކައަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައިވާއިރު، މަރުވި މީހުންގެ އަދަދު ސޯޅަ ހާހަށް އަރަނީއެވެ. ދިވެހި ރާއްޖެއިންވެސް ކޮރޯނާ އަށް ޕޮޒިޓިވް 13 މީހުން ފެނުމާއި ގުޅިގެން ސަރުކާރުން މިވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ސަރުކާރާއި ހުރިހާ ސުކޫލުތަކާއި މާލެ ަަސަރަހައްދުގެ ކެފޭތަކާއި ޕާކްތަކާއި އަދި މިސްކިތްތައް ވެސް މިވަނީ ބަންދުކޮށްފައެވެ.

Ads by MWSC

އާއްމުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުން އިލްތިމާސް ކުރުމުން، އާއްމުން ބޭރުގައި އުޅޭ މިންވަރު މިވަނީ މަދުވެފައެވެ. ގޭތެރޭގައި ތިބެންވީމަ ހަމަގައިމުވެސް ފޫހިވާނެއެވެ. މިދުވަސްކޮޅު ގިނަ ވަގުތު އުޅެން ޖެހޭނީ ގޭގައެވެ. ކަމެއް ނެތިގެން ފޫހިވެފައި ގޭގައި އިންނަން ޖެހުމުން ގިނަ ދިވެހިން ޑްރާމާ ބަލާ މިންވަރު މިދަނީ އިތުރުވަމުންނެވެ. ސްޓަރޕްލަސް، ސޮނީ ނުވަތަ ކަލަރސް ޓީވީއިން ގެނެސްދޭ ޑްރާމާތަކުގެ އަވާގައި ޖެހިފައި ތިބެވެނީއެވެ.

ސްޓަރ ޕްލަސް އިން ގެނެސްދޭ ބައެއް ސީރީސް ތަކަށް ބަލާއިރު، މިދުވަސްކޮޅު ދިވެހިންގެ ތެރޭގައި އެންމެ ހިނގަނީ ކަސޯޓީ ޒިންދަގީ ކޭ އާއި ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ އަދި ޔޭ ރިޝްތޭ ހޭން ޕިޔާރުކޭ އެވެ. އެގޮތުން ކަސޯޓީ މިހާރު ވަރަށް ފޯރިގަދައެވެ. ޕްރޭނާ ބަޖާޖް އާއިއެކީ ގިނަ އަހަރުތަކެއް ވަންދެން އިންޑިއާއިން ބޭރުގައި އުޅުމަށްފަހު އިންޑިއާ އެނބުރި އައީ އަނުރާގު ބަރުބާދުކޮށްލުމަށެވެ. ޕްރޭނާ އެނބުރި އައުމާއި އެކު ކޮމޯލިކާ އުޅެނީ ޕްރޭނާ އެމީހުން ދިރިއުޅުމުން ފޮނުވާލާނެ ގޮތެއް ހޯދުމަށެވެ.

ބިގްބޮސް އަދި ހަތުރޯން ކީ ކިލާޑީ އަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު ދެ ރިއަލީޓީ ޝޯއެވެ. މިދެ ޝޯ ގެނެސްދޭނީ ކަލަރސް ޓީވީއިންނެވެ. މިދުވަސްކޮޅު ހަތުރޯންކީ ކިލާޑީގެ އާ ސީޒަނެއް ފަށައިގެން އުޅޭއިރު މީގެ މަހެއްހާ ދުވަަސް ކުރިން ނިންމާލީ ބިގްބޮސްގެ އެންމެ ކާމިޔާބު ސީޒަން ކަމަށްވާ 13 ވަނަ ސީޒަން އަލުން ދައްކަން ވަނީ ފަށާފައެވެ. މީގެ އިތުރުން ކަލަރސް އިން ގެނެސްދޭ ޑްރާމާތަކުގެ ތެރެއިން ނާގިން 4 އަދި ވިދްޔާ އަކީ ވެސް ދިވެހިންނަށް ކަމުދާ ދެ ޑްރާމާއެވެ.

މިދުވަސްކޮޅު ގޭގައި ތިބެގެން ދިވެހިން ކުރިން މި ފާހަގަކޮށްލި ޑްރާމާ ތަކުގެ އިތުރުން ނެޓްފްލިކްސް އިން ވެސް ސީރީސް ބެލުމުގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. ނެޓްފްލިކްސް ބެލުމަށް ބޮޑަށް ފޯރިހިފާފައި ހުންނަނީ ޒުވާނުންނެވެ. ކިތަންމެ ގިނަ އިރު ޑްރާމާ އަދި ޓީވީ ބެލުމުގައި ހޭދަކުރި ނަމަވެސް އަޅުކަންތައް ކުރުމުގައި ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. ގަޑިން ގަޑިއަށް ނަމާދު ކުރަން ވާނެއެވެ. ކޮވިޑް19 އިން ސަލާމަތްވެ އާންމު ދިރިއުޅުމަށް އިޢާދަވޭތޯ ދުޢާ ކުރަންވާނެއެވެ. ދިރިއުޅުމުގެ އެހެން ކަންކަން އަންނަށްވާނީ މީގެ ފަހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!