ޚަބަރު

އަތުހަރަށް ފިޓް ޖެހި އައިސީޔޫގައި ފަރުވާ ދިން ވާހަކަ ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފޮޓޯ/ހަތާވީސް މީޑިއާ

މާލޭގައި އަންހެނަކު ރަހީނުކުރި ށ. މިލަންދޫ، އާދަމް އަތުހަރު، 32، އަށް ފިޓް ޖެހިގެން އައިސީޔޫގައި ފަރުވާ ދިން ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

Ads by STELCO

ބައެއް މީޑިއާތަކުން އޭނާގެ އާއިލާއާ ހަވާލާދީ, އަތުހަރަށް ފިޓް ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އެ ވާހަކަތައް ދޮގުކުރަމުން ފުލުހުން ބުނީ އަތްހަރަށް އައިސީޔޫގައި ފަރުވާ ދޭން އެއްވެސް ޑޮކްޓަރަކު ލަފާ ދީފައިނުވާ ކަމަށެވެ. އަދި ފިޓް ޖެހުނު ކަމެއް ޑޮކްޓަރުންގެ ލިޔުމުން އިނގެން ނެތް ކަމަށްވެސް ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ އަތުހަރުގެ ނާރުގެ ޑޮކްޓަރަކާށާއި ސައިކޭޓްރިސްޓަކަށް ދައްކާފައިވާ ކަމަށާއި, މައްސަލައެއް އުޅޭ ކަމަށް ޑޮކްޓަރުންނަށް ފާހަގަވެފައިނުވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށްފަހު ހެދި ސީޓީ ސްކޭނާއި މެޑިކަލް ޓެސްޓްތަކުން ވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

މީގެ ދެ ރޭ ކުރިން އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އަންހެނަކު ރަހީނުކޮށްގެން އުޅެނިކޮށެވެ. އެ އަންހެން މީހާ ސަލާމަތް ކުރަން ފުލުހުން ބާރުގެ ބޭނުންކޮށް, މުގުރުން އޭނާ ބޮލުގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވި އެވެ.

އެ ރޭ އަތްހަރަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނަ އެވެ. އޭގެ ފަހުން އައިޖީއެމްއެޗްއަށް އަތުހަރު ފަރުވާއަށް ގެނައެވެ. ފުލުހުން ބުނީ އޭނާއަށް ފަރުވާ ދީފައިވަނީ ހޮނޑުލާތީ ކަމަށެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށް އަތުހަރު ގެންގޮސްފައި އެވެ.

އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިއަދު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ..

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!