ޚަތީބު ކަމުގެ ސަނަދު 209 ޒުވާނަކު ހާސިލްކޮށްފި

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި 209 ޚަޠީބުންނަށް ސަނަދު އަރުވައިފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، އިސްލާމީ މަރުކަޒުގެ އިސް އިމާމު މުޙައްމަދު ލަޠީފް، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. މޫސާ އަންވަރު އަދި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެމްބަރު އިލްޔާސް ޙުސައިނެވެ.
މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށް ގެންދާ އެ ޕްރޮގުރާމް މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން ފުރިހަމަ ކުރުމުން މުޖުތަމަޢުއަށް ބޭނުންތެރި ޕްރޮގުރާމެއް ކަން އެނގިގެންދާ ކަމަށެވެ.
މީގެ އިތުރުން އަމާޒަކީ މި ރިޔާސީ ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުން ކަމަށާއި މި އަމާޒު ޙާސިލްކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބަ އޮތް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ވަޒީރުގެ ވާހަކަފުޅުގައި ޒުވާން ޚަޠީބުން ހާސިލްކުރެއްވި މަތިވެރި ކާމިޔާބީއަށް މަރުހަބާ ދަންނަވާ މި ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށް ވަނީ ނަސޭހަތްތެރިވި އެވެ.
ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ތިން ވަނަ ބެޗު ވަރަށް އަވަހަށް ފެއްޓުމަށް ނިންމަވާފައިވާ ކަން ވެސް ވަޒީރު ވަނީ މިއަދު އިޢުލާން ކުރައްވާފައެވެ.