ދުނިޔެ

ޗައިނާގެ އިހުތިޖާޖާ ގުޅިގެން ޕެސިފިކް ލީޑަރުން ކޮމިއުނިކޭއިން ތައިވާން އުނިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕެސިފިކް އައިލެންޑްސް ފޯރަމްގެ ލީޑަރުން، އެ ފޯރަމްގެ ނިންމުންތައް ހިމެނޭ ކޮމިއުނިކޭއިން ތައިވާނާ ބެހޭ ބައި އުނިކޮށްފިއެވެ. މިކަން ކޮށްފައިވަނީ ޗައިނާއިން އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.

Ads by Sosun Fihaara

ރޯއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓު ކުރި ގޮތުގައި، ޕެސިފިކް އައިލެންޑްސް ފޯރަމްގެ ބައްދަލުވުން އޮތީ ފިޖީގައެވެ. އަދި މި ބައްދަލުވުމުގައި ތައިވާނާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަން އެނގުމުން ޗައިނާއިން ވަނީ އިހުތިޖާޖު ކޮށްފައެވެ.

ޗައިނާއިން ބުނީ ތައިވާނަކީ އެ ޤައުމުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ޕްރޮވިންސެއް ކަމަށާއި، އެހެން ޤައުމުތަކުން ތައިވާނާ ގުޅުން ބޭއްވުމަކީ ޗައިނާގެ ސިޔާދަތަށް އަރައިގަތުން ކަމަށެވެ. އަދި މިކަމާ ގުޅިގެން ޗައިނާގެ ބޮޑު ސަފީރު ވަނީ ފިޖީއަށް ދަތުރުކޮށް، ފިޖީގެ ބޮޑުވަޒީރާ ބައްދަލުކޮށްފައެވެ.

ޕެސިފިކް އައިލެންޑްސް ފޯރަމްގެ ސެކްރެޓޭރިއެޓުން ބުނީ، ތައިވާނާ ބެހޭ ބައި ކޮމިއުނިކޭއިން އުނިކޮށްފައިވަނީ މެންބަރު ޤައުމުތަކުގެ އެދުމުގެ މަތިން ކަމަށެވެ. މި ފޯރަމްގައި 18 ޤައުމު ހިމެނެއެވެ.

ތައިވާނުގެ ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ހިތާމަ ފާޅުކޮށް، ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!