ޚަބަރު ވިޔަފާރި

445 މެޓްރިކް ޓަނުގެ މަހަށްވާ ހަތް މިލިއަން މިފްކޯއިން މިއަދު ދޫކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މަސްވެރިން އަތުން އެ ކުންފުންޏަށް ކިރާފައިވާ 445 މެޓްރިކް ޓަނުގެ ކަނޑުމަހަށްވާ ހަތް މިލިއަން ރުފިޔާ އޮޑިވެރިންނަށް މިއަދު ދޫކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

Ads by MWSC

އޮޑިވެރިންނަށް އެންމެފަހުން ފައިސާ ދޫކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އެ ފަހަރު މިފްކޯއިން 4.2 މިލިއަން ރުފިޔާ ދޫކުރި އެވެ. އެއީ ޖުލައި މަހުގެ 27 ވަނަ ދުވަހުން އޮގަސްޓް މަހުގެ އަށް ވަނަ ދުވަހަށް މަސްވެރިން ކިރުވި 266 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާ އެވެ.

މިފްކޯއިން ބުނީ އޮޑިވެރިންނަށް މިއަދު ޖަމާކޮށްދިނުމަށް ހަމަޖެހިފައި ވަނީ ނިމުނު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހަށް ކިރާފައިވާ 445 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާ ކަމަށެވެ. އެ ދެ ހަފުތާގެ ފައިސާގެ ގޮތުގައި ޖުމްލަ ހަތް މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި މިފްކޯއިން ވަނީ މަސްވެރިންނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފަ އެވެ. އެއީ އެ ކުންފުންޏަށް ކިރުވި 45،262 މެޓްރިކް ޓަނުގެ މަހަށްވާ ފައިސާ އެވެ.

މިފްކޯއިން ދެން އެންމެ އަވަހަށް ދޫކުރާނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހަށްވާ ފައިސާ އެވެ. އެކަމުގެ ތަފުސީލު އެނގޭނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ފަހުން ކަމަށް އެ ކުންފުނިން ބުނެ އެވެ. ބުނީ އެ މުއްދަތު ހަމަވުމުން އޮޑިވެރިންނަށް ވީހާވެސް އަވަހަށް ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.

އިތުރަށް ބުނި ގޮތުގައި އިއްޔެ އެ ކުންފުންޏަށް 43 ދޯންޏަކުން 121.8 މެޓްރިކް ޓަނުގެ މަސް ކިރާފައިވާ ކަމުގަ އެވެ.

ސަރުކާރާއި މިފްކޯގެ ކޭޝްފްލޯގެ ދަތިކަމުގެ މި ހާލަތުގައި، އެ ކުންފުނީގެ ބޯޑާއި މެނޭޖުމެންޓުގެ އިތުރުން ސަރުކާރާއި ފިޝަރީޒް މިނިސްޓްރީ އާ ގުޅިގެން ކުރެވޭ މަސައްކަތުގައި ސަރުކާރުން ލިބޭ އެހީތެރިކަން މިފްކޯއިން ވަނީ ފާހަގަކޮށްފަ އެވެ.

Ads by Ooredoo
  1. މޫސާ

    ޢަމިއްލަ މީހެެއްގެ ތަނެއްތަ