ނިއުޒީލެންޑުން ބުނީ ޗައިނާގެ އިންޓެލިޖެންސާމެދު ކަންބޮޑުވާ ކަމަށް

ނިއުޒިލެންޑުގެ އިންޓެލިޖެންސް އެޖެންސީން ބުނެފައިވަނީ ޗައިނާއަކީ އެ ޤައުމުގެ ޤައުމީ ސަލާމަތަށް އަދިވެސް ކޮމްޕްލެކްސް ކަންބޮޑުވުމެއް ކަމަށެވެ. ނިއުޒިލެންޑުގެ ސެކިއުރިޓީ އިންޓެލިޖެންސް ސަރވިސް (އެން.ޒެޑް.އެސް.އައި.އެސް) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ޗައިނާގެ ފަރާތުން ނިއުޒިލެންޑަށް އޮތް ނުރައްކާ އިތުރުވަމުންދާ ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ޗައިނާގެ ސަރުކާރުން ނިއުޒިލެންޑުގެ ސިޔާސީ އަދި އިޤްތިޞާދީ ދާއިރާތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޗައިނާގެ ސިފައިންގެ ބާރު އިތުރުވަމުންދާ ކަމާއި، އެކަމުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސަލާމަތަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނިއުޒިލެންޑުގެ ބަންޑާރަ ނައިބު ޖުޑިތް ކޮލިންސް ވިދާޅުވެފައިވަނީ މި ރިޕޯޓަކީ ނިއުޒިލެންޑުގެ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތައް ދެނެގަތުމަށް މުހިންމު ރިޕޯޓެއް ކަމަށެވެ. އަދި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ރިޕޯޓު ނެރެފައިވަނީ ނިއުޒިލެންޑާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ނިއުޒިލެންޑުން ބުނެފައިވަނީ ޗައިނާއާއެކު އޮތް ގުޅުން ދެމެހެއްޓުމާއެކު، އެ ޤައުމުގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކާތަކަށް ސަމާލުކަން ދޭނެ ކަމަށެވެ.