ހެންވޭރުގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ

މާލޭގައި ހުރި އިމާރާތެއްގައި އަލިފާން ރޯވެ ސަލާމަތީ ހިދުމަތްތަކުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މީގެ ކުޑަ އިރުކޮޅެއް ކުރިން އަލިފާން ރޯވެ އަނދަމުން ދަނީ ހެންވޭރު ސޯސަން މަގު ކޮޅުގައި ހުރި އިމާރާތެއްގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އަނދަނީ އެތަނުގައި ހުރި ބަދިގެއެއްގަ އެވެ.
އެމްއެންޑީއެފްއިން ބުނީ އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ އަލިފާން ރޯވެގެން އަނދަނީ ހ. ދޫހިމެރިގޭގައި ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ފަޔަރ އެންޑް ރެސްކިއު ސާވިސަސްއިން ހަރަކާތްތެރިވަމުން ދާކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ދެ ފަންގިފިލާއަށް ނަގާފައިވާ އެ އިމާރާތުގެ މަތީ ފަންގިފިލާ ހަދާފައިވަނީ ޓިނުންނެވެ. ދެ ފަންގިފިލާވެސް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ. ރޯވިތާ ގާތްގަނޑަކަށް 30 މިނެޓު ތެރޭގައި ފަޔަރ އެންޑް ރެސްކިއު އިން ވަނީ އިތުރަށް އަލިފާންގަނޑު ނުފެތުރޭނެހެން ކޮންޓްރޯލްކޮށްފަ އެވެ.
އަލިފާން ފުރަތަމަ ރޯވިކަމަށް ބެލެވެނީ ދެވަނަ ފަންގިފިލާގައި ހުރި ބަދިގޭގަ އެވެ. އެހެންނަމަވެސް ތިރީ ފަންގިފިލާގައި ހަދާފައިވާ ކެފޭއަށްވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ފުލުހުންނާއި ސިފައިން މިހާރުވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.