މާލީ ބަގާވާތުގެ މައްސަލާގައި އަދި މީހަކާ ސުވާލެއް ނުކުރޭ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ އެކައުންޓްތަކުން ބޭރުގެ މުއާމަލާތްތައް ނުހިންގޭ ގޮތަށް ނިންމީ، މިހާރު އޮތް ސަރުކާރު ވައްޓާލުމުގެ ރޭވުމެއްގެ ތެރެއިން ކަމަށް ތުހުމަތުކުރާ މައްސަލާގައި އަދި މީހަކާ ސުވާލު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ބޭފުޅުން މި މައްސަލައަށް ވިދާޅުވެފައިވަނީ "މާލީ ބަގާވާތެއް" ކަމަށެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ މައްސަލާގައި އަދި މީހަކާ ސުވާލުކޮށް ބަޔާން ނަގާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ވަގުތު ވެސް ކުރެވެމުން މި ދަނީ މައުލޫމާތުތައް ހޯދައި އެއްކޮށް، އަދި ޖިނާއީ ކްރިމިނަލް ޕްރޮސީޑިންއެއް އޭގެ ކުރިއަށް ގެންދަން ޖެހޭ މިންވަރަށް އެ ކަންތައްތައް ފުރިހަމަވޭތޯ،" އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ބީއެމްއެލް އިން ބައެއް ލިޔެކިޔުންތައް ފުލުހުން ވަނީ ހޯދައިފަ އެވެ. ނަމަވެސް ފުލުހުން މި ކަމުގެ ރަސްމީ ބަހެއް އަދި ނުބުނެ އެވެ.
ބަގާވާތުގެ މައްސަލަ ތަހުގީގުކުރާ ކަން ހާމަކޮށް ފުލުސް އޮފީހުން ފުރަތަމަ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބީއެމްއެލް އިން ގިނަ ރައްޔިތުންތަކަކަށް ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި އިރު ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
ބީއެމްއެލް އިން އެ ނިންމުން ނިންމި ވަގުތު، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިިނިސްޓަރަކަށް ހުުންނެވި އިބްރާހީމް އަމީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސަރުކާރަށް މާލީ ކަންކަން މެނޭޖު ނުކުރެވޭ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާފައިވެ އެވެ.
ހަމަ އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓު ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަނުޖެހުން ނަގާލަން ގޮވާލާފައިވާ ކަމަށެވެ. އެހެން އެ މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުންގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.