ޚަބަރު

އިންޓަނެޓާ ގުޅޭ ލުއިތަކެއް ދެތިން ދުވަަސް ތެރޭގައި ހާމަކުރާނަން: ރައީސް

ދެން އެމްވީ

ރާއްޖޭގައި އިންޓަނެޓާ ގުޅޭ ލުއިތަކެއް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އިއުލާނު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ވައިރަހާ ގުޅިގެން ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، މި ދުވަސްވަރަކީ ރާއްޖޭގައި އިންޓަނެޓު ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ ދުވަސްވަރެއް ކަމުގައި ގަބޫލުކުރާ ކަމަށާއި އެހެންކަމުން އިންޓަނެޓުގެ މައްސަލައިގައި ރައްޔިތުންނަށް ލުޔެއް ހޯދައިދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ. އަދި ކުރިއަށް މިއޮތް ދެތިން ދުވަސްތެރޭގައި އިންޓަނެޓާއި ގުޅޭ ލުއިތައް އާންމުންނާއި ހިއްސާކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި ދަނޑިވަޅުގައި އިންޓަނެޓުގެ ލުއިތަކެއް ނުލިބޭތީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރަން، އެ އޮތޯރިޓީގެ އިސްވެރިންް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ވެސް ވަނީ ދާދި ފަހުން އެދިފައެވެ.

މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެގޮތުން ކުރިއަށްއޮތް ހަފްތާގައިވެސް ސަރުކާރާއި ސްކޫލުތަކާއި ތައުލީމު ދޭ ހުރިހާ މަރުކަޒުތަކެއް ބަންދުކުރުމަށް ހަމަޖެހިފައިވާކަން ވެސް ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން 6 މަހަށް ލަސްކޮށްފައިވާއިރު މަތީ ތައުލީމް ހާސިލުކުރުމަށް ކުދިންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް ދެއްކުން ވެސް ވަނީ 6 މަސް ދުވަހަށް ލަސްކޮށްދީފައެވެ

ދިވެހި ރާއްޖެއިން ކޯވިޑް19، 13 ބިދޭސީއަކަށް ޖެހުނު އިރު، މިހާރު ވަނީ އެތަނުން 8 މީހަކު ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ދަނީ 5 މީހަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!