އިންޑިޔާގެ ބޭރު ފައިސާގެ ރިޒާވް 5 ވަނަ ހަފްތާއަށް އިތުރުވެއްޖެ

އިންޑިޔާގެ ބޭރު ފައިސާގެ ރިޒާވް ވިދިވިދިގެން ފަސްވަނަ ހަފްތާއަށް އިތުރުވެ، 700 ބިލިއަން ޑޮލަރުގެ އަދަދާ ކައިރިވެއްޖެއެވެ. މިއީ އިންޑިޔާގެ އިޤްތިޞާދީ ދުޅަހެޔޮކަމުގެ ހެއްކެއްކަމަށް މާހިރުން ދެކެއެވެ.
އިންޑިޔާގެ ރިޒާރވް ބޭންކުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސެޕްޓެމްބަރ 13 ގައި ނިމުނު ހަފްތާގެ ނިޔަލަށް އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ވަނީ 2.98 ބިލިއަން ޑޮލަރު އިތުރުވެފައެވެ. މިއާއެކު މިހާރު ޖުމްލަ ރިޒާވް ވަނީ 697.04 ބިލިއަން ޑޮލަރަށް އަރާފައެވެ.
މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާގެ އެސެޓްތަކުގެ އަގު މަތިވުމާއި، ރަން އަދި އެހެނިހެން ބައިނަލްއަޤްވާމީ ރިޒާވް އެސެޓްތަކުގެ އަގު އިތުރުވުން ކަމަށް ވެއެވެ.
އިންޑިޔާގެ އިޤްތިޞާދީ މާހިރުން ބުނާގޮތުގައި، މި އިތުރުވުމަކީ ޤައުމުގެ އިޤްތިޞާދީ ހަރުދަނާކަމާއި ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު އިތުރުވަމުން އަންނަކަމުގެ ނިޝާނެކެވެ. އަދި މިއީ އިންޑިޔާގެ ރުފިޔާގެ އަގު ހިފެހެއްޓުމަށާއި، އިމްޕޯޓް ޚަރަދުތައް ބެލެންސްކުރުމަށް އެހީތެރިވާނެ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
އިންޑިޔާގެ ފައިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި، މި އިތުރުވުމަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ކާމިޔާބީގެ ހެއްކެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ދުވެލި ދެމެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.