ލޮކްޑައުންގައި ތިބިއިރު ވެސް ދެމަފިރިން މައްސަލަ ޖެހެނީތަ؟ އެފަދަ މީހުންނަށް މިވާހަކަތައް މުހިންމު!
ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ގައުމުތައް ވަނީ ލޮކްޑައުންގައެވެ. މިކަމަށް އެކި ގައުމުތަކުން އެކި މުއްދަތު ކަނޑައަޅާފައިވާއިރު ހަމަގައިމުވެސް ބޭރަށް ނުނިކުމެ ގޭގައި ހަފްތާތަކެއް ނުވަތަ މަސް ދުވަހު އުޅުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެން މީހަކާ ބައްދަލުނުކޮށް ހަމަ އެކެއް ނުވަތަ އެއްބަޔަކާ އެކީ އެތައް ދުވަހެއް ވަންދެން އެއްތާކު ބަންދުވެގެން ހުރުމަކީ ޔަގީނުން ވެސް ފޫހިކަން އިހްސާސް ކުރެވޭނެ ކަމެކެވެ.
ދެމަފިރިން ނަމަވެސް ބޭރަށް ޖައްސާނުލެވި ގޭގައި އެކަހެރިވެގެން އެހާ ގިނަ ދުވަހު ތިބޭނަމަ ދެމީހުންގެ މެދުގައި މައްސަލަތައް ދިމާވުމަކީ ވެދާނެ ކަމެކެވެ. އެހެން ކަމުން އެ ދުވަސްތަކުގައި ދެމަފިރިން ޒުވާބު ނުކޮށް ލޯބިން އުޅެވިދާނެ ދެތިން ގޮތެއް ހިއްސާ ކޮށްލާނަމެވެ.
ދެމަފިރިން ބޭރަށްނުގޮސް ގިނަ ދުވަސްތަކެއް ހޭދަކުރާނަމަ އެކަކު އަނެކަކަށް ޖާގަ ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އިނދެގެން އުޅުނަސް ބައެއް މީހުންނަކީ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އެކަނިވެލަން ބޭނުންވާނެ މީހުންނެވެ. އެކަނިވެލާފައި ވާހަކައެއް ކިޔާލާ ނުވަތަ ދިރިއުޅުމުގެ ކަންކަމާއި މެދު ފިކުރުކޮށްލުމަކީ ބައެއް މީހުންގެ އާދައެކެވެ. އެހެން ކަމުން ތިބާގެ ބައިވެރިއަކީ ކުޑަ ވަގުތު ކޮޅެއް ނަމަވެސް އެކަނި ހޭދަކުރަން ބޭނުންވާ މީހެއް ނަމަ، އަބަދު ގާތުގައި ވިއްދާފައި ނުހުންނާށެވެ. އަދި އަބަދު އަބަދު އަނގަނުތަޅާ ބައިވެރިޔާއަށް ވެސް ހަމަހިމޭން ވަގުތު ކޮޅެއް ދޭށެވެ.
ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ދެބަސްވުންތައް ވެސް އުފެދޭނެއެވެ. އަދި ހާއްސަކޮށް ދެމީހުން ގެއެއްގެ ތެރޭ ދެތިން ހަފްތާ ބަންދުވެގެން ތިބޭއިރު މައްސަލަ ޖެހި ދެބަސްވާން ޖެހޭ ހާލަތްތައް ވެސް އިތުރުވެދާނެ އެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައިވެސް ރުޅި އިސްނުކޮށް ހަމަޖެހިގެން ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާށެވެ. މައްސަލަ އެއް ޖެހުމުން ދެތިން ހަތަރު ދުވަސް ވަންދެން ދެމަފިރިން މޫނާއި މޫނު ދިމާނުކޮށް އުޅުމަކީ ހައްލެއް ނޫނެވެ. އަދި ގޭގައި ތިބެން ޖެހިފައިވާއިރު ދެމީހުން ކުނި މޫނު ހަދައިގެން ގޭތެރޭގެ އުފާވެރި މާހައުލު ކުނި ނުކުރާާށެވެ. ދެމަފިރިން އެކަކު އަނެކަކުގެ ޝަކުވާ އަޑުއަހާ ހަމަޖެހިގެން ކަންކަން ހައްލުކުރާށެވެ.
ދެމަފިރިންގެ މެދުގައި ހިޔާލު ތަފާތުވުންތައް ވެސް އުފެދޭނެއެވެ. ފިރިމީހާ ކުރާ ހިތްވާ ކަމެއް އަނބިމީހާ ކުރާ ހިތް ނުވެދާނެއެވެ. އެހެންކަމުން ދެމަފިރިން އެކަނި ގޭގައި ވަގުތު ހޭދަކުރާއިރު ދެމީހުންވެސް ކުރާ ހިތްވާ ކަންކަން ގިނަ ކުރުމަކީ މުހިންމު ކަމެކެވެ. އަނބިމީހާ ފޫހިވާ ކަމެއް ފިރިމީހާ ކުރަން އުޅުމުން އެކަމަށް ޖޯކް ޖަހައި އެކަން ނުހުއްޓުވާށެވެ. އޭގެ ބަދަލުގައި އެކަމެއްގައި ފިރިމީހާ އާއި އެކީ ބައިވެރިވާށެވެ. އޭރުން ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ލޯބި އިތުރުވާނެއެވެ.
މީގެ އިތުރުން ބަންދުވެގެން ތިބުމަކީ ވެސް ފަހި ފުރުސަތެއް ކަމަށް ބަލާށެވެ. ދެމަފިރިންގެ ހަޔާތުގެ މާޒީ އެކަކު އަނެކަކަށް ހިއްސާ ކޮށްލާށެވެ. އަދި ހުވަފެނީ މުސްތަގުބަލްގެ ހިޔާލު ބަދަލު ކޮށްލާށެވެ. ހަޔާތުން މިހާތަނަށް ލިބުނު އިބްރަތްތަކުން މުސްތަގްބަލް އަލި ކުރާނެ ގޮތްތައް ދެމީހުންގެ ބައިވެރިވުމާއެކު ނިންމާށެވެ. އަބަދު ވެސް އުއްމީދު ފަތުރާށެވެ. މާޔޫސްވުމަކީ އޮތްކަމެއް ނޫނެވެ.