މޫސުމީ ބަދަލުން އަރައިގަތުމަށް ރައީސް ތިން ހައްލެއް ހުށަހަޅުއްވައިފި
މޫސުމީ ބަދަލުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ހައްލެއް ހުށަހަޅުއްވައިފި އެވެ.
އދ. ގެ އާންމު މަޖިލީހުގައި މިރޭ އޮތް ހައި ލެވެލް ޕްލިނަރީ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވީ ކްލައިމެޓް ޗޭންޖާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައަށް ބައިނަލްއަގުވާމީ ގައުމުތަކުން ގުޅިގެން އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
އަދި އެފަދަ ހައްލުތައް ވާން ޖެހޭނީ ކުދި އަދި އެންމެ ބިން ތިރި ގައުމުތަކާއި އެ ތަންތަނުގައި ދިިރިއުޅޭ ރައްޔިތުންނަށް އާންމު ދިރިއުޅުމުގެ ހާލަތަށް ހޭނެން މަގުފަހިކޮށްދޭނެ ހައްލުތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވެ އެކަމަށް ތިން ހައްލެއް މިރޭ ރައީސްގެ ވާހަކަފުޅުގައި ވަނީ ހުށަހަޅުއްވައިފަ އެވެ.
އެ ގޮތުން ކްލައިމެޓް ޗޭންޖުގެ ކަންކަމާ ގުޅިގެން އާންމު ދިރިއުޅުމަށް ފަސޭހައިން ހޭނޭނެ ގޮތަށް ހެދުމަށް ފައިނޭންސްގެ ކަންކަން ފަސޭހައިން ހަމަޖައްސައިދިނުމަށް ރައީސް ގޮވާލެއްވި އެވެ.
ރައީސް ވިދާޅުވީ ކްލައިމެޓް ޗޭންޖާހުރެ ކުރިމަތިވަމުންދާ މައްސަލަތަކާ އެއްވަރަކަށް އާންމު ދިރިއުޅުމަށް ހޭނުމަށް ފައިނޭންސްގެ ކަންކަން ހަމަ ނުޖެހޭ ކަމަށެވެ.
އަދި އެފަދަ ފައިނޭންސް ހޯދުމަށް މިހާރު އޮންނަ އުނދަގޫ މަރުހަލާތަކާއި ކަޑައްތުކުރަން ޖެހޭ ކަންކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ދެވަނަ ހައްލެއްގެ ގޮތުގައި ރައީސް ހުށަހެޅުއްވީ ކްލައިމެޓް ޗޭންޖާ ގުޅިގެން ލިބޭ ގެއްލުންތަކާ ގުޅިގެން ގެއްލުންތަކުން އަރައިގަތުމަށް ހާއްސަ ފަންޑެއް އޮޕަރޭޓް ކުރަން ފެށުމަށެވެ.
އަދި ތިން ވަނަ ހައްލެއްގެ ގޮތުގައި ރައީސް ހުށަހެޅުއްވީ ކްރިމެޓް ޗޭންޖުގެ ކަންކަމާ ކުރިމަތިލުމަށް އެއް ގައުމުން އަނެއްގައުމަށް ޓެކްނޮލޮޖީ ފޯރުކޮށްދިނުމެވެ.
"އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި ސައިންސްގެ އިލްމު. އަދި ކްލައިމެޓް ޗޭންޖާ ކުރިމަތިލުމަށް ވަސީލަތްތައް ވެސް އެބަހުރި" އެމަނިކުފާނު ވިދާޅުވި އެވެ..