ޚަބަރު

މަސްވެރިންނަށް ދޫނުކޮށް އޮތް 17 މިލިއަން ރުފިޔާ އަންނަ ހަފްތާ ދޫކޮށް ނިންމަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: މަސްވެރިކަން ދަށްވުމަށްފަހު މަޑުމަޑުން ރަނގަޅުވަމުން އަންނަ އެ ކުންފުނިން ވަނީ ބުނެފައި / ފޮޓޯ:މިފްކޯ

މަސްވެރިންނަށް ދޫނުކޮށް އޮތް ފައިސާ އަންނަ ހަފްތާގައި ދޫކޮށް ނިންމާނެ ކަަމަށް މިފްކޯއިން ބުނެފި އެވެ.

Ads by Sosun Fihaara

މިފްކޯއިން މިއަދު ބުނީ މިމަހުގެ ކުރީކޮޅުން ފެށިގެން މަސްއޮޑިފަހަރަށް ދައްކަން އޮތް ބިލްތަކާ ގުޅޭގޮތުން އެ ކުންފުންޏާއި ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އަދި މަސްވެރިންނަށް ދޫކުރަން އޮތް ފައިސާގެ މައްސަލައަށް މި ވަގުތަށް ހައްލު ހޯދިފައިވާ ކަމަށާއި މިފްކޯއަށް ދޭންޖެހޭ ސަޕޯޓު ފޯރުކޮށްދިނުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަަމަށް ވެސް ބުނެފައި ވެއެވެ،

މިފްކޯއިން އިތުރަށްބުނީ ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ދޫނުކޮށް އޮތް 17 މިލިއަން ރުފިޔާ އަންނަ ހަފްތާގެ ނިޔަލަށް އެއްކޮށް ދައްކާ ހަލާސްކުރުން ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ ބިލިއަން ރުފިޔާ ފަހަނަައަޅައިފަ އެވެ.

މި ސަރުކާރު އައި ފަހުން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ސަރުކާރުން ޖަމާނުކޮށްގެން ދެ ފަހަރެއްގެ މަތިން މުޒާހަރާ ކުރި އެވެ. އެންމެ ފަހުން އައްޑޫ ސިޓީގައި މަސްވެރިން އިހުތިޖާޖު ކުރީ މިދިޔަ ޖޫން މަހު އެވެ. އެ އިހުތިޖާޖު ނިންމައިލީ ފައިސާ ޖަމާކުރުމުންނެވެ.

މިފްކޯއިން މިހާރު ވަނީ އެކުންފުންޏަށް މަސް ގަންނަ އަގު ކަނޑައަޅާ އުސޫލަށް ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން މިހާރު އެކުންފުންޏަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ހަފްތާއަކު އެއްފަހަރު ކަނޑައަޅާ އަގަކަށެވެ.

Ads by Allied Insurance