ޚަބަރު

ބާ ކައުންސިލްގެ އެކްސްކޯއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އިތުރުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ބާ ކައުންސިލްގެ ހިންގާ ކޮމިޓީ - ފޮޓޯ: ބާ ކައުންސިލް

ބާ ކައުންސިލްގެ ހިންގާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިއަދަށް ހަމަވެފައި ވަނިކޮށް، އެ މުއްދަތު އިތުރުކުރި ކަން ބާ ކައުންސިލުން ހާމަކޮށްފި އެވެ.

Ads by STELCO

ބާ ކައުންސިލުން މިއަދު ބުނި ގޮތުގައި އެ މުއްދަތު މިހާރު އިތުރުކޮށްފައިވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހަށެވެ. މި މުއްދަތުގެ ކޮންމެ ރަސްމީ ބަންދު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން ފެށިގެން ހަވީރު ތިނެއް ޖަހަން ދެން އެ ތަކެތި ބަލައިގަންނާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީ މިހާތަނަށް އެކުލެވިފައި އޮތީ ހަތް މެމްބަރުންގެ މައްޗަށެވެ. އެެއީ ވަކީލުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބުކުރާ ހަ މެންބަރުންނާއި ބަންޑާރަ ނައިބު ހިމެނޭ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވާ އިސްލާހުން  ބަންޑާރަ ނައިބު އެ ކޮމިޓީން އުނިކުރި އެވެ. އިސްލާހުގައި ވަނީ ބަންޑާރަ ނައިބުގެ ބަދަލުގައި ގާނޫނީ ވަކީލުން އިންތިހާބު ކުރާ ވަކީލެއް ބާ ކައުންސިލްގައި ހިމެނުމަށެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އެ އިސްލާހާ އެކީ އެވެ. ކޮމިޓީއަށް ކުރިމަތިލާ ވަކީލުންގެ މެދުގައި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ  އަންނަ މަހު 21 ވަނަ ދުވަހަށެވެ.

ދެން ބާ ކައުންސިލްގައި ތިބޭނީ ރައީސް، ނައިބު ރައީސްގެ އިތުރުން ހިންގާ ކޮމިޓީއަށް އިންތިހާބު ކުރާ ހަތް މެންބަރުންނެވެ. މި އެންމެން ވެސް އިންތިހާބު ކުރާނީ ގާނޫނީ ވަކީލުންގެ ތެރެއިން ކުރިމަތިލާ ބަޔަކަށް، ގާނޫނީ ވަކީލުން ވޯޓު ލައިގެންނެވެ.

ބާ ކައުންސިލް ވުޖޫދަށް އައީ 2019 ގަ އެވެ. ބާ ކައުންސިލް ވުޖޫދު ކުރުމުގެ ކުރިން ވަކީލުންގެ ކަންކަން ބަލަހައްޓަމުން ގެެންދިޔައީ ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުގެ ކުރިން، ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަކީލުން ރެގިއުލޭޓް ކޮށްފައިވެ އެވެ.

 

Ads by Allied Insurance