އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުގައި ޖެހެން ހުޅުވާލައިފި

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރުގައި ޖެހެން ހުޅުވާލައިފި އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑްއިން އިއްޔެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި އެފަރާތްތައް މަސައްކަތްކުރާ ދާއިރާތައް ދެނެގަނެ އެފަރާތްތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެއާއެކު އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރެވޭނެ އުސޫލުތައް ވެސް އެ ކޯޕަރޭޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން ދިވެއްސަކަށްވުމާއެކު ވަޒީފާގެ އެއްބަސްވުމަކާ ނުލައި މަސައްކަތް ކުރާ ފަރާތްތަކަށް އެ ދަފްތަރުގައި ޖެހެވޭނެ ކަަމަށް އުސޫލުގައި ބުނެފައިވެ އެވެ.
އެހެންވެ އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.