ކެމިކަލްތައް ރައްކާކުރަމުންދަނީ ގަވައިދާ އެއްގޮތަށްތޯ ބަލަން ހާއްސަ އޮޕަރޭޝަން ފަށައިފި
ކެމިކަލްތައް ރައްކާކުރަމުންދަނީ ގަވައިދާ އެއްގޮތަށްތޯ ބަލަން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ މިއީ ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާތަންތަން ހުރިތޯ ބެލުމާއި މި ގަވާއިދަށް އާއްމުރައްޔިތުން ހޭލުންތެރިކުރުވުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
"އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި މިއަދު ފެށި އެ އޮޕަރޭޝަން މި މަހުގެ 15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެ އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް އެ އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ހާދިސާއަކީ ފަހުގެ އަހަރުތަކުގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ.
އެ ހާދިސާއާ ގުޅިގެން ސަރުކާރުން ކެމިކަލް ގެންގުޅުމުގައި އާ އުސޫލުތަކެއް އެކުލަވާލައި މާލޭގައި ކެމިކަލް ހުދަން ކުރުން އޮތީ މަނާކޮށްފަ އެވެ.
މިހާރު ކެމިކަލް ގުދަން ކުރެވޭނީ ވަރަށް ހަރުކަށި އުސޫލުތަކެއްގެ ތެެރެއިން ހުޅުމާލެއިން ހާއްސަ ސަަރަހައްދެއްގަ އެވެ.