ވިޔަފާރި

މިފްކޯގެ "ރަސް އައިން" ބްރޭންޑު އުފެއްދުމަށް ސީއެސްއާރުގެ ދަށުން އާންމުންނަށް ހުޅުވާލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިފްކޯ މަސްފިހާރަ: މިފްކޯއަށް ސީއީއޯއެއް ހޯދުމަށް އަނެއްކާވެސް ވަނީ އިއުލާނުކޮށްފައި / ފޮޓޯ:ދެން އިމޭޖްސް

މިފްކޯގެ "ރަސް އައިން" ބްރޭންޑު އުފެއްދުމަށް ސީއެސްއާރުގެ ދަށުން އާންމުންނަށް ހުޅުވާލައިފި އެވެ.

Ads by MWSC

މިފްކޯއިން މިއަދު ބުނީ އެއީ މަހުގެ ބާވަތްތައް އުފައްދާ ކުދި ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަން ނިންމާގފައިވާ ކަމެއް ކަމަށެވެ.

އެގޮތުން "ރަސްއައިން" ގެ ބާވަތްތައް ސަޕްލައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ "ރަސްއައިން" ޕްރޮޑަކްޓްގެ ތެރޭގައި ހިމެނެނީ މަހުން އުފައްދާ، އަގު އެއްކުރެވިފައިވާ ދިވެހި ކާނާގެ ބާވަތްތައް ކަަމަށެވެ.

އޭގެ ތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ، ކުޅި ކާޖާ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނެއެވެ. އޭގެ އިތުރުންވެސް މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ދުވަހަށް ތާޒާކަންމަތީ ބެހެއްޓޭނެ އެފަދަ ކާބޯތަކެތި ތައްޔާރު ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

މިފްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް ޖެނެރަލް މެނޭޖަރު އައިމިނަތު ސަނިއްޔާ ޝަރީފް ވިދާޅުވީ ކުރިން އެ ޕްރޮގްރާމް މެދު ކަނޑާލަން ޖެހުނީ ކޯވިޑް-19 ގެ ހާލަތާ ގުޅިގެންނެވެ.

އަދި އޭރު މައިގަނޑު ގޮތެއްގައި ޅ.ހިންނަވަރާއި އެ އަތޮޅު ނައިފަރުގެ އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި، މިފަހަރުގެ އަމާޒަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އެކި އަތޮޅުތަކުން ވެސް އެ ޕްރޮގްރާމުގައި ބައިވެރިކުރުވުމަށް ބާރުއެޅުމެވެ.

"މި މަސައްކަތް އަޅުގަނޑުމެން އަލުން މި ފަށަނީ. އިރާދަކުރެއްވިއްޔާ މި ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ރަނގަޅު ފެންވަރެއްގެ ޕްރޮޑަކްޓް ރޭންޖަކަށް މިކަން ގެންދާނަން. މިސާލަކަށް ހޮވޭ ބޭފުޅުންނަށް އަޅުގަނޑުމެން ހެޔޮއަގެއްގައި ކުނޑިމަސް ފޯރުކޮށްދޭނަން. އެގޮތަށް ވަރަށް ގިނަ ބާވަތްތަކުން ރަނގަޅު އަގެއް ދެވޭނެ." ސަނިއްޔާ ވިދާޅުވި އެވެ.

ސަނިއްޔާ ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ހޮވޭ ފަރާތްތަކުން އާންމުންގެ މެދުގައި އިތުބާރު ހޯދާފައިވާ މިފްކޯގެ ރޯ މެޓީރިއަލް ބޭނުންކޮށްގެން ގިނަ ބާވަތްތައް އުފެއްދުމަށް ބާރުއަޅާނެއެވެ. އަދި އައު ގިނަ ބާވަތްތައް ބާޒާރަށް ނެރުމަކީ އެންމެ ބޮޑު އަމާޒުކަން ސަނިއްޔާ ފާހަގަކުރި އެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިފްކޯއަށް ޕްރޮޕޯސަލް ހުށަހެޅަންޖެހޭއިރު، ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑު މިފްކޯއަށް ހުށަހަޅަންޖެހެ އެވެ. އަދި ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްސީލު ހިމަނަންޖެހެ އެވެ.

މިފްކޯއިން ބުނިގޮތުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރުގެ އިތުރުން ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް ހުށަހަޅަން ޖެހެ އެވެ.

އަދި ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަން އެކުންފުނިން ފާހަގަކުރި އެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން މިފްކޯއިން އާންމުންނަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުން ގަޑިއަކީ މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އެވެ.

އެގޮތުން މިފްކޯގެ ކޯޕަރޭޓް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް ޕްރޮޕޯސަލްތައް އާންމުންނަށް ފޮނުވޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މިފްކޯގެ 3323932 އަށް ގުޅައިގެން ލިބޭނެ އެވެ.

Ads by HDC