ގަވައިދާ ހިލާފަށް އުޅޭ 8 ބިދޭސީން އަތުލައިގެންފި

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެ ދެ ތަނުން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން އެ ރެއިޑުގައި "އިމިގްރޭޝަން އޮފިސަ ޓްރެއިނީސް" ބައިވެރިވި ކަމަށެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފައިވާ އިރު ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ޖައްސަމުން ނެވެ.
އެ ރެއިޑްތަކުގައި ބޮޑަށް އިސްކަންދެނީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ހޯދުމަށެވެ.