ލައިފްސްޓައިލް

މައިކްރޯވޭވް އަވަން ބޭނުންކުރާނަމަ އިންޓަނެޓް ސްޕީޑް ދަށްވާކަން އެނގޭތަ؟

ިމިދުވަސްވަރު ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޯވިޑް 19 ގެ ސަބަބުން، ސަރުކާރު އޮފީސްތަކާއި ކުންފުނިތައް މިވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ބައެއް އޮފީސްތަކުން ވަނީ ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ބަދަލުކޮށްފައެވެ.

ގޭގައި ތިބެގެން މަސައްކަތް ކުރާއިރު އެންމެ މުހިންމު އެއްޗަކަށް ވާނީ އިންޓަނެޓްއެވެ. ދާދި ފަހުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި މައިކްރޯ އަވަން ބޭނުން ކުރުމަކީ އިންޓްނެޓް ސްޕީޑް ދަށްވާ ކަމެކެވެ.

ޔޫކޭވެސް ލޮކްޑައުން ކުރުމާއި ގުޅިގެން އޮފްކޮމް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ގޭގައި އިންޓަނެޓް ބޭނުންކޮށްގެން އޮފީސް މަސައްކަތް ކުރާ ވަގުތު ތަކުގައި ނުވަތަ ވީޑިއޯ ކޮންފަރެންސްތައް ކުރާ ވަގުތު ތަކުގައި މައިކްރޯވޭވް ބޭނުން ކުރާނަމަ އިންޓަނެޓް ސްޕީޑް ދަށް ވާނެ ކަމަށެވެ.

ބޭރަށް ނުދެވި ގޭގައި ބަންދުވެފައި ތިބެން ޖެހުމުން ވަރަށް ގިނަ މީހުން އިންޓަނެޓާއި އިތުރު ވަޔަރލެސް ކަނެކްޝަންތައް ބޭނުން ކުރާނެ ކަމަށާއި، އެހާ ގިނަ މީހުން އެއްފަހަރާ ބޭނުން ކުރަން ފެށުމުން ބައެއް ދަތިތަކާއި ކުރިމަތި ލާން ޖެހޭނެ ކަން ވެސް އޮފްކޮމް އިން ފާހަގަކުރިއެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް މިދުވަސްކޮޅު ބޭކާރު ގޮތުގައި ބްރޮޑްބޭންޑް ކަނެކްޝަންތައް ބޭނުން ނުކުރުމަށް ވެސް އެ ރިޕޯޓްގައި ގޮވާލިއެވެ.

ޔޫކޭގެ ކުންފުންޏެއް ކަމަށްވާ ބީޓީ އޯޕެންރީޗް އިން ބުނީ ވޭތުވެދިޔަ ތަނާއި ބަލާއިރު މިހާރު ދުވާލުގެ ގަޑިތަކުގައި އިންޓަނެޓް ބޭނުން ކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. ޔޫކޭގެ ބައެއް އިންޓަނެޓްގެ ހިދުމަތް ދޭ ކުންފުނިތަކުން ގޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ކޮށްގެން އާ ޑާޓާ ޕެކްތަކެއް ވެސް ތައާރަފް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!