ޚަބަރު

މިފްކޯގެ އުފެއްދުންތައް އެމްއެސްއެސްގެ ބޯޓުތަކުގައި އެކްސްޕޯޓްކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މިފްކޯއާއި އެމްއެސްއެސްއާއެކު އެއްބަސްވުމުގައި ސޮއިކުރުން--

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރަން ފަށަން ނިންމައިފި އެވެ.

Ads by STELCO

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އަހުމަދު ޝަރީފް އެވެ. އަދި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ހަނީފް އެވެ.

އެ އެއްބަސްވުމުގެ ދަށުން މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސް އިން ފޯރުކޮށްދޭނެ އެވެ.

އެގޮތުން ކޮންޓޭނަރުތަކުގައި ޕެކްްކޮށްފައިވާ މިފްކޯގެ ފުރޯޒަން ޓޫނާ, ކޭންޑް ޓޫނާ, ޓޫނާ ޕައުޗް އަދި ފިޝްމީލް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު "އެމްއެސްއެސް އޯޕަލް" މެދުވެރިކޮށް މާލެ ގެނެސް އެތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑާ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރާނެ ކަަމަށް އެމްއެސްއެސްއިން ބުނެފައިވެ އެވެ.

އެއާއެކު އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ވެސް ބުންޏެވެ.

ޒަމާނުއްސުރެ މިފްކޯއިން މަސް އެކްސްޕޯޓް ކުރަމުން އައީ، ސަޕްލައި ދޯނިފަހަރުގައި ޖަނަރޭޓަރ ސެޓް ގުޅައި، އެއަށް ރީފާ ކޮންޓެއިނަރު ލޯޑް ކޮށްގެން މާލެ ގެނެސް ނުވަތަ ރީފާ އުޅަނދުފަހަރަށް ބަލްކްކޮށް މަސް ލޯޑުކޮށްގެންނެވެ.