ދުނިޔެ

އިންޑިޔާ-ކެނެޑާ ޚާރިޖީ ކޯޅުންގަނޑު ބޮޑުވެ ސަފީރުން ފޮނުވައިލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެނެޑާގައި ދިރިއުޅޭ އިންޑިޔާގެ ސީކް ދަރިކޮޅުގެ އިސް މީހެއް ކަމުގައިވާ ހަރްދީޕް ސިންހ ނިއްޖާރު މަރައިލި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ކޯޅުންގަނޑު ހޫނުވެ, ދެ ޤައުމުގެ ސަފީރުންނާއި ހައި ކޮމިޝަނުގައި މަސައްކަތް ކުރާ އިސް މުވައްޒަފުން ބޭރުކޮށްފިއެވެ. ކެނެޑާއިން ބުނީ, އެ ޤައުމުގައި ހުންނަ އިންޑިޔާގެ ސަފީރާއި ހައި ކޮމިޝަނުގައި މަސައްކަތް ކުރާ އިތުރު ފަސް މުވައްޒަފުން ފައިބަން އަންގާފައިވާނެ ކަމުގައެވެ.

Ads by WAMCO

ކެނެޑާއިން ތުހުމަތު ކުރާ ގޮތުގައި އެ ޤައުމުގައި ދިރިއުޅޭ ސީކް ދަރިކޮޅުގެ މީހުންގެ ވެރިޔާ ކަމުގައިވާ ނިއްޖާރު މަރައިލުމުގެ ފަހަތުގައި އޮތީ އިންޑިޔާގެ ސަރުކާރެވެ. ކެނެޑާގައި ދިރިއުޅޭ ސީކް ދަރިކޮޅުގެ ރައްޔިތުންނަށް އިންޑިޔާއިން ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް ވެސް ކެނެޑާއިން ތުހުމަތު ކުރެއެވެ.

"[އިންޑިޔާގެ ސަފީރާއި ހައި ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން] ކެނެޑާއިން ފޮނުވައިލަން ނިންމާފައި ވަނީ ފުލުހުންގެ ތަޙުޤީޤުގެ ތެރެއިން ހޯދާފައިވާ މަޢުލޫމާތަށް ރިއާޔަތް ކުރުމަށް ފަހު, އެ ކަމާ މެދު ފުންކޮށް ވިސްނުމަށް ފަހު. ފޮނުވައިލަން ނިންމާފައިވާ ހަ މީހުންނަކީ ނިއްޖާރު މަރައިލި ހާދިސާއާ ގުޅުން އޮތް ބަޔެއް ކަން ލިބިފައިވާ މަޢުލޫމާތުން ސާބިތުވޭ،" ކެނެޑާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި ކަމަށް ރައްދު ދިނުމުގެ ގޮތުން އިންޑިޔާއިން ވެސް ވަނީ އެ ޤައުމުގައި ހުންނަވާ ކެނެޑާގެ ސަފީރާއި ހައި ކޮމިޝަނުގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ ތެރެއިން ފަސް މީހުން ފޭބުމަށް އަމުރު ކޮށްފައެވެ. އަދި, ކެނެޑާގައި ހުންނެވި އިންޑިޔާގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން އިސްވެ ނިންމާފައި ވަނީ އެ ޤައުމުން ކަމަށް ވެސް އިންޑިޔާއިން ބުންޏެވެ.

ކެނެޑާގައި ހުންނަވާ އިންޑިޔާގެ ސަފީރާއި ހައި ކޮމިޝަނުގެ މުވައްޒަފުން އަނބުރާ ޤައުމަށް ގެންދަން ނިންމާފައި ވަނީ, ކެނެޑާގެ ސަރުކާރުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ނެތުމުން ކަމަށް އިންޑިޔާއިން ބުންޏެވެ. "ކެނެޑާގެ މިިހާރުގެ ސަރުކާރުން އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް އެއްވެސް ވަަރަކަށް އިތުބާރެއް ނުކުރަން. ސަފީރާއި ހައި ކޮމިޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން އަނބުރާ ޤައުމަށް ގެންނަން ނިންމާފައި ވަނީ އެ ސަބަބަށް ޓަކައި،" އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކެނެޑާއާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ ޚާރިޖީ ކޯޅުންގަނޑު މި ކަމާ ގުޅިގެން މި ވަނީ އެތަކެއް ގުނައަކަށް ހޫނުވެފައެވެ. ދެ ޤައުމުގެ ދެމެދުގައި މައްސަލަގަނޑު ބޮޑުވީ, ނިއްޖާރު މަރައިލުމަށް ދިން ޙަމަލާގެ ފަހަތުގައި އޮތީ އިންޑިޔާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ. ނިއްޖާރު މަރައިލާފައި ވަނީ ކެނެޑާގައި ހުއްޓައެވެ.

"ކެނެޑާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ އަމަލުތައް އިންޑިޔާ ސަރުކާރުގެ އޭޖެންޓުން ހިންގަމުންދާ ކަމުގެ ހެކި އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" މީގެ އަހަރެއްހާ ދުވަސް ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރޫޑޯ ވިދާޅުވިއެވެ. އިންޑިޔާ ސަރުކާރުގެ އޭޖެންޓުން ހިންގަމުންދާ ކުށްތަކުގެ ތެރޭގައި ޖާސޫސީ ހަރަކާތްތަކާއި, ކެނެޑާގައި ދިރިއުޅޭ ދެކުނު އޭޝިޔާގެ ދަރިކޮޅުތަކަށް ނިސްބަތްވާ މީހުންނަށް ބިރުދެއްކުމާއި, އެ މީހުން މެރުން ފަދަ ކުށްތައް ހިމެނޭ ކަމުގައި ޓްރޫޑޯ ތުހުމަތު ކުރެއްވިއެވެ. "އެ ކަންކަން ބަލައެއް ނުގަނެވޭނެ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް, އިންޑިޔާއިން ދަނީ މި ތުހުމަތުތައް ދޮގު ކުރަމުންނެވެ. އަދި, ނިއްޖާރުގެ މަރުގެ ތަޙުޤީޤަކީ އިންޑިޔާއާ ދެކޮޅަށް ކެނެޑާ ސަރުކާރުން ހިންގާ ސިޔާސީ ތަޙުޤީޤެއް ކަމަށާއި, މިއީ ޓްރޫޑޯ އަޑީގައި ހުންނަވައިގެން އޭނާގެ ސިޔާސީ ހަޔާތް ކުރިއަރުވަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއް ކަމަށް ވެސް އިންޑިޔާއިން ތުހުމަތު ކުރެއެވެ.

ކެނެޑާގެ ފުލުހުން ބުނީ, އެ ޤައުމުގައި ދިރިއުޅޭ އިންޑިޔާގެ ދަރިކޮޅުތަކަށް ނިސްބަތްވާ މީހުންނަށް ބިރުދެއްކުމާއި, އެ މީހުންގެ އަތުން ފައިސާ ފޭރުމުގެ އިތުރުން އެ މީހުން މެރުމަށް އިންޑިޔާގެ އޭޖެންޓުން ކުށުގެ އަމަލުތައް ހިންގަމުންދާ ކަމުގައެވެ. އަދި, ކެނެޑާގެ ޑިމޮކްރެޓިކް ނިޒާމަށް ނުފޫޒު ފޯރުވުމަށް ވެސް އިންޑިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް ކެނެޑާގެ ފުލުހުން ތުހުމަތު ކުރެއެވެ.

"އަޅުގަނޑުމެންނަށް ހޯދިފައިވާ ހެކިތަކުން ފެންނަނީ, ކުށްކުރާ ގުރޫޕުތަކުގެ ބޭނުން [އިންޑިޔާއިން] ކުރަމުންދާ ކަން. އޭގެ ތެރޭގައި ބިޝްނޫއީ ގުރޫޕު ހިމެނޭ. އެއީ, އިންޑިޔާގެ ސަރުކާރާގެ އޭޖެންޓުންނާ ގުޅުން އޮތް ގުރޫޕެއް ކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަން،" ކެނެޑާގެ ފުލުހުންގެ އިދާރާގެ އެސިސްޓެންޓް ކޮނިޝަނަރު ބްރިޖިޓް ގޮވޭން ވިދާޅުވިއެވެ.

އިންޑިޔާގެ ތަޙުޤީޤީ އިދާރާ, ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެންއައިއޭ)ން ބުނީ ކެނެޑާއިން އިޝާރާތް ކޮށްފައިވާ ބިޝްނޫއީ ގުރޫޕުގެ ވެރިޔާއަކީ ލޯރެންސް ބިޝްނޫއީ ކަމުގައެވެ. އަދި, ނިރުބަވެރި ކަމުގެ ކުށްތައް ހިންގުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކޮށްފައިވާ ކަމުގައެވެ. ނަމަވެސް, އޭނާއާ ދެކޮޅަށް އުފުލާފައިވާ ނިރުބަވެރި ކަމުގެ ކުށްތަކުގެ ދަޢުވާތަކުގެ ޝަރީޢަތް ފަށާފައެއް ނުވެއެވެ.

ބިޝްނޫއީގެ ޤާނޫނީ ވަކީލު ރަޖްނީ ވިދާޅުވީ, އޭނާއާ ދެކޮޅަށް ކެނެޑާގެ ސަރުކާރުން އުފުލާފައިވާ ތުހުމަތުތައް ތަޙުޤީޤު ކުރާނެ ކަމުގައެވެ. އަދި, އެ ކަމުގެ ފުނަށް ފީނައި, ޙަޤީޤަތް ހާމަކުރާނެ ކަމުގައެވެ. ބިޝްނޫއީއާ ދެކޮޅަށް އިންޑިޔާއިން އުފުލާފައިވާ ދަޢުވާތަކާ ގުޅޭ ގޮތުން ރަޖްނީ ވިދާޅުވީ, އެ ދަޢުވާތައް ތަޙުޤީޤުކޮށް ނުނިމޭ ކަމުގައެވެ.

އިންޑިޔާގައި ހުންނަ ކެނެޑާގެ ހައި ކޮމިޝަނުގައި މަސައްކަތް ކުރާ 40 މުވައްޒަފަކު 2023 އޮކްޓޫބަރުގައި ވެސް ކެނެޑާއިން އަނބުރާ ޤައުމަށް ގެންގޮސްފައިވެއެވެ. އެ ގޮތަށް އަމަލު ކޮށްފައި ވަނީ އިންޑިޔާ ސަރުކާރުގެ އެދުމުގެ މަތިންނެވެ. އަޓޮވާގެ ކާލްޓަން ޔުނިވަރސިޓީގައި މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ފެން އޮސްލަރ ހޭމްސަން ވިދާޅުވީ ކެނެޑާއާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ ޚާރިޖީ ކޯޅުންގަނޑު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ބަދަލުވެފައިވާ ކަމުގައެވެ. އަދި, ކައިރި މުސްތަޤުބަލެއްގައި އެ މައްސަލަތައް ޙައްލު ކުރެވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ.

އިންޑިޔާގެ ސީކް ދަރިކޮޅުގެ އެންމެ ބޮޑު އާބާދީއެއް މި ވަގުތު ދިރިއުޅެމުންދާ ބޭރު ޤައުމަކީ ކެނެޑާއެވެ. މިއީ, އިންޑިޔާއިން ބޭރުގައި ދިރިއުޅޭ ސީކް ދަރިކޮޅުގެ އިސް ވެރިއަކު މަރައިލަން އިންޑިޔާ ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެމެރިކާގެ ނިއު ޔޯކްގައި ދިރިއުޅޭ ސީކް ދަރިކޮޅުގެ އިސް މީހަކު މަރައިލަން އިންޑިޔާގެ ސަރުކާރާ ގުޅުން އޮތް އޭޖެންޓުން މަސައްކަތް ކޮށްފައިވާ ކަމަށް އެމެރިކާއިން ވެސް ހުސްވި އަހަރު ތުހުމަތު ކޮށްފައިވެއެވެ.

Ads by HDC