ޚަބަރު ސަރުކާރު

އިމާމުންނަށް ދިމާވާ ދައްޗަކީ ގުރުއާން ކިޔަވައިދޭނެ ޖާގަ ނެތުން: ޝަހީމް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިސްކިތު ގާރީ ކްލާހެއްގެ ތެރެއިން: ޝަހީމް ވިދާޅުވީ ކްލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބޭ ކަމަށް / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ރަށްތަކުގައި ގުރުއާން ކިޔަވައިދޭން ބޭނުންވާ އިމާމުން ތިބޭ ކަމަށާއި އެ އިމާމުންނަށް ދިމާވާ ދައްޗަކީ ގުރުއާން ކިޔަވައިދޭނެ ޖާގަ ނެތުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިސްކިތު ގާރީ ކްލާސްތައް ރާއްޖޭގެ ބައެއް ރަށްތަކުގައި މިސްކިތްތަކުގައި މިހާރު ފަށާފައިވާއިރު، އެ ކްލާސްތަކުގައި 29 މީހުންނާއި 3 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފަ އެވެ. އެކި އުމުރުފުރާތަކުގެ ކުދިން އަންނަނީ ކްލާސްތަކުގައި ބައިވެރިވެ ގުރުއާން އުނގަންނަމުންނެވެ.

މި ކްލާސްތަކުގައި ކިޔަވައިދެނީ މިސްކިތްތަކުގެ އިމާމުންނެވެ. އެ މަސައްކަތް ކުރަނީ ހިލޭ ސާބަހަށް ގުރުއާން އުނގަންނައިދޭ އިމާމުންނެވެ. މިސްކިތު ގާރީ ކްލާސްތައް ކުރިއަށް ދަނީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގަ އެވެ.

އެކަމާ ގުޅޭގޮތުން ޝަހީމް ވިދާޅުވީ މި ކްލާސް ފެށުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ރަށްތަކުގައި ގުރުއާން ކިޔަވައިދޭން ބޭނުންވާ އިމާމުން ތިބުން ކަމަށެވެ. އެ އިމާމުންނަށް ދިމާވާ ދައްޗަކީ ގުރުއާން ކިޔަވައިދޭނެ ޖާގަ ނެތުން ކަމަށް ފާހަަގަކުރެއްވި އެވެ. ވުމާ އެކު މި ކްލާސްތަކަކީ އެ އިމާމުންނަށް ފުރުސަތެއް ފަހިވެގެންދާނެ ކްލާސްތަކަކަށްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގުރުއާނުގެ އިލްމު ރާއްޖޭގައި މި ހިސާބަށް އައިސްފައި ވަނީ އިހުޒަމާނުގައި ހިލޭ ސާބަހަށް އިމާމުންނާއި މުދިމުންނާއި އެދުރުދައިތައިންނާ އަދި އެދުރުބޭބެމެން ކޮށްދެއްވި ބުރަ މަސައްކަތާއި ގުރުބާނީގެ ސަބަބުން ކަމުގަ އެވެ.

ގުރުއާން އުނގަންނައިދިނުމަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް ފެށި މިސްކިތު ގާރީ ކްލާސްތަކުގެ ސަބަބުން މިސްކިތްތަކަށް ދިރުން ލިބޭ ކަމުގަ އެވެ.

ރާއްޖޭގެ 29 ރަށެއްގެ މިސްކިތްތަކުގައި މިހާރު ކްލާސްތައް ފަށާފައިވާއިރު، އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ވީހާވެސް ގިނަ ރަށްތަކެއްގައި ކްލާސްތައް ކުރިއަށް ގެންދިއުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!