ދުނިޔެ

ޕާކިސްތާނުގެ ލާހޯރުގައި ހިނގި ރޭޕް މައްސަލައާ ގުޅިގެން ދަރިވަރުންގެ އިހުތިޖާޖު ދަނީ ކުރިއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ލާހޯރު ޔުނިވަރސިޓީގައި ހިނގި ކަމަށް ބުނެވޭ ރޭޕްގެ މައްސަލައަކާ ގުޅިގެން، އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ދަރިވަރުންގެ އިހުތިޖާޖުތައް ދަނީ ކުރިއަށެވެ. މި އިހުތިޖާޖުތަކުގައި ބައިވެރިވާ ދަރިވަރުން ވަނީ ކުށްވެރިންނަށް އަވަސް އަދަބު ދިނުމަށާއި، ކެމްޕަސްތަކުގައި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާފައެވެ.

Ads by Sosun Fihaara

މި މައްސަލައިގައި ތުހުމަތު ކުރެވެނީ ލާހޯރު ޔުނިވަރސިޓީ އޮފް މެނޭޖްމަންޓް ސައިންސަސް (ލަމްސް) ގެ ކެމްޕަސްގައި ދަރިވަރަކު ރޭޕްކުރި ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގައި ކަމަށް ބެލެވެއެވެ. ދަރިވަރުން ބުނާ ގޮތުގައި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ ނުފޫޒުގަދަ ޢާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

އިހުތިޖާޖުތަކުގައި ބައިވެރިވާ ދަރިވަރުން ވަނީ ޔުނިވަރސިޓީގެ އިސްވެރިންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މި މައްސަލައަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭ ކަމަށް ފާޑުކިޔާފައެވެ. އަދި މި މައްސަލަ ފޮރުވުމަށް މަސައްކަތްކުަތްކުރާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ޕާކިސްތާނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވެސް ވަނީ މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އަވަސް ތަޙުޤީޤެއް ހިންގުމަށް ގޮވާލާފައެވެ. އަދި ޕާކިސްތާނުގެ ތަޢުލީމީ މުއައްސަސާތަކުގައި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް އެދިފައިވެއެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ މި މައްސަލަ ބަލަމުންދާ ކަމަށާއި، ކުށްވެރިންނަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. ނަމަވެސް، ދަރިވަރުންނާއި އާންމު ރައްޔިތުން ގޮވާލަނީ މި މައްސަލައިގައި އަވަސް އަދި ހާމަކަން ބޮޑު ތަޙުޤީޤެއް ހިންގުމަށެވެ.