ސާވިސް ޗާޖުގެ މައްސަލަ ފާހަގަވި ރިސޯޓުތަކަށް ފިޔަވަޅު އަޅަން ނިންމައިފި
ސާވިސް ޗާޖުގެ މައްސަލަ ފާހަގަވި ރިސޯޓުތަކަށް ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ވަހީދު ސާވިސް ޗާޖުގެ މައްސަލަ އާއި އަދި އޮޑިޓުން މައްސަލަ ފާހަގަވި ރިސޯޓުތަކާ މެދު ފިޔަވަޅު އަޅާނީ ޑިއު ޕްރޮސެސް ފޮލޯކުރުމަށްފަހު ކުރުމަށްފަހު ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފަކަށް ބިރު ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އަދި މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި އޭނާ ކުރައްވާފައިވާ މަސައްކަތް އޮޅުވާނުލެވޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.
ރިސޯޓުތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަތައް މިހާރު ވަރަށް ބާރަށް އަންނަނީ ދެކެވެމުންނެވެ. މިގޮތަށް ދެކެވެމުން އަންނަނީ ދާދިފަހުން ހދ. ހޮނޑާފުށި ރިސޯޓުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރި ހިސާބުންނެވެ.
އެ މުވައްޒަފުގެ ދެ މަހުގެ މުސާރަ އަމިއްލަފުޅު ޚަރަދުގައި ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.