ނައިބު ރައީސާއި މިނިސްޓަރުން މިކުރަނީ ކޮންކަމެއް؟
މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޯވިޑް 19 ގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ އާއްމުންނަށް ބޭރަށް ދިޔުން މަނާ ކޮށްފައެވެ. އަދި މިހާތަނަށް ކޮރޯނާ އިން ރަނގަޅުވާނެ ކަމުގެ ޔަގީން ފަރުވާއެއް ހޯދިފައިނުވާއިރު، މިވައިރަހުން ރައްކާތެރި ވުމަށް ޓަކައި ސިއްހީ މާހިރުން ދޭ އިރުޝާދަކީ ގިނަގިނައިން އަތްދޮތުމާއިއެކު އިޖުތިމާއީ ގައިދުރުކަން އިސްކުރުމެވެ. ނުވަތަ ގޭގައި ތިބުމެވެ.
ގިނަ ބަޔަކު މިކަމަށް އަމަލު ކުރަމުން ދާއިރުވެސް ކަމެއް ނެތިފައި ގޭގައި ތިބެންވީމަ ހަމަ ޔަގީނުން ވެސް ފޫހިވާނެއެވެ.
ފޫހިވެފައި ގޭގައި ތިބޭ ވަގުތު މުނިފޫހިފުލުވުމުގެ ގޮތުން އެކި މީހުން ދަނީ މީސްމީޑިއާގައި ތަފާތު އެކި ޗެލެންޖްތައް ކުރަމުންނެވެ. އޭގެތެރެއިނަ ފާހަގަކޮށްލެވޭ އެއް ޗެލެންޖަކީ، ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމެވެ. މި ޗެލެންޖް މިވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ.
ޓޮއިލެޓް ޕޭޕަރ އިން ޖަގްލްކުރުމުގެ ޗެލެންޖް ވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ އިތުރުން ބައެއް ގައުމުތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ފުރިހަމަ ކުރައްވާފައެވެ. މިކަމުގައި ފާހަގަކޮށްލަން ޖެހެނީ އެބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ބައެއް މިނިސްޓަރުންނާއި ނާއިބު ރައީސް ވެސް ހިމެނިވަޑައިގަންނަވާ ކަމެވެ.
ޓޮއިލެޓް ޕޭޕަރ އިން ޖަގްލްކުރުމުގެ ޗެލެންޖް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވެސް ވަނީ ފުރިހަމަ ކުރައްވާފައެވެ. މީގެ އިތުރުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މި ޗެލެންޖް ފުރިހަމަ ކުރެއްވިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމު އެ ޗެލެންޖް ފުރިހަމަ ކުރެއްވުމާއި ގުޅިގެން ގިނަ އާއްމުން އަދި ބައެއް އިސް ބޭފުޅުން ދަނީ އެމަނިކުފާނަށް މަރުހަބާ ކިޔުއްވަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމާއި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ހިމެނިވަޑައިގަންނަވައެވެ.
އެ ޗެލެންޖުގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން ބައެއް ފުޓްބޯޅަ ކުޅުން ތެރިން ވެސް ބައިވެރިވިއެވެ.